ވިޔަފާރި

ސްޕެއިންގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެބޮޑު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

ސްޕެއިންގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއަރ ކަމުގައިވާ "ފިތޫރު" ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ފެންވަރގެ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއަރ އަކީ ފިތޫރު ފެއަރއެވެ. މިއަހަރުގެ ފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މި ފެއަރ ކުރިއަށްދާނީ ސްޕެއިންގެ މެޑްރިޑްގައި މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކުން ބައްދަލުކޮށްލުމުގެ ފުރުސަތު ލިބޭ
ފިތޫރު ފެއަރއަކީ ފަތުރުވެރިކަމގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވަލް އެޖްންސީތަކާއި، ހޯލްސޭލާޒް، ޓުއަރ އޮޕަރޭޓަރުންނާއި، ހޮޓެލްތަކާއި، އެއަރލައިންތަށް، އެއްތަނަކުން ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފެއަރއެކެވެ.

މި ފެއަރގައި ސްޕެއިން އަދި ބަައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ އަދި ހޯދާ ކުންފުނިތަކާއި، ފަތުުރުވެރިން ބައިވެރިވާނެއެވެ. އެގޮތުން މި ފެއަރއަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި 42000 ވިޔަފާރިވެރިންނާއި އާންމުންގެ 20000 މީހުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން 33 ޤައުމަކުން 2500 ނޫސްވެރިން މި ފެއަރގެ ޚަބަރާއި މައުލޫމާތު ފެތުރުމަށް އެތަނުގައި ހަރަކާތްތެރިވާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.


އެމްއެމްޕީއާރުސީން ބުނީ މި ފެއަރގައި ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މާކެޓްކުރުން ކަމަށެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާޓު ތަޖުރިބާތައް ޕްރޮމޯޓުކުރުން ކަމުގައެވެ.

ސްޕެއިނަކީ މިދިޔަ އަހަރު ރާއްޖެއަށް 7ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން އެއަހަރުތެރޭ ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 37186 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ސްޕެއިންއިންނެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ %2.8އެވެ.

މި މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން ދަމަހައްޓާ އިތުރުކުުރުމަށް މިދިޔަ އަހަރުތެރޭވެސް އެމްއެމްޕީއާރުސީން ވަނީ ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި މިއަހަރުތެރޭވެސް ސްޕެއިން މަރކެޓަށް އަމާޒްކޮށް ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް އެމްއެމްޕީއާރުސީން ވަނީ ނިންމާފައެވެ.