ކުޅިވަރު

ވެލެންސިޔާ އާއި މާޒިޔާ ފައިނަލަށް


ޕްރެޒިޑެންޓްސް ކަޕްގައި ރޭ ކުލަބް ވެލެންސިޔާ އާއި މާޒިޔާ ބައްދަލުކުރި މެޗުން މާޒިޔާ ބަލިވިނަމަވެސް މާޒިޔާއަށް ފައިނަލްގެ ޖާގައެއް ލިބުނުއިރު، ލީގް ތާވަލްގެ އެއްވަނަ ޓީމްގެ ގޮތުގައި ވެލެންސިޔާއިންވެސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކުރިއަށްދިޔައީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ 8 ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ރޭގެ ފަހު މެޗާއެކު ލީގް ބުރުގެ މެޗްތައް ނިމުނުއިރު، ތާވަލްގެ އެއްވަނައިގައި ކުލަބް ވެލެންސިޔާ އޮތީ 17 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނައިގައިވާ މާޒިޔާ އާއި ތިންވަނައިގައިވާ ގްރީން ސްޓްރީޓްސްއަށް 15 ޕޮއިންޓް ލިބިފައިވީނަމަވެސް، ތާވަލްގެ ދެވަނަ މާޒިޔާއަށް ލިބެނީ ގޯލްގެ ތަފާތުންނެވެ. މިމެޗަށް މިދެ ޓީމް ނިކުތްއިރު، މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗްގައި މާޒިޔާއިންވަނީ 5 ލަނޑު 0 ލަނޑުން ވެލެންސިޔާ ބަލިކޮށްފައެވެ.

ލީގު ބުރުގެ ފަހު މެޗުގައި ވެލެންސިޔާއިން މާޒިޔާގެ މައްޗަށް ކުރި ހޯދީ 1 ލަނޑު 0 ލަނޑުންނެވެ. ރޭގެ މެޗަށް ނިކުތްއިރުވެސް ކުލަބް ވެލެންސިޔާއަށް ވަނީ ފައިނަލްގެ ޖާގައެއް ޔަގީންވެފައެވެ. އެއީ އިއްޔެ ހަވީރު ކުޅުނު މެޗުން ގްރީން ސްޓްރީޓްސް ބަލިވުމުންނެވެ.

މެޗް ފެށިގެން ވަރަށް ކުރީކޮޅުގައި މާޒިޔާއިންދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންނެވެ. މެޗްގެ 6ވަނަ މިނެޓްގައި މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. މިމެޗްގައި ވެލެންސިޔާއިން ކުޅެމުން ގޮސްފައިވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. ނަމަވެސް އެޓީމަށް ލިބޭ ފުރުސަތުތަކުގައި ވެލެންސިޔާއިންވެސް ދިޔައީ މާޒިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗްގެ 15ވަނަ މިނެޓްގައި ވެލެންސިޔާއަށް ލިބުނު ހިލޭ ޖެހުން އެޓީމުގެ ކެޕްޓަން ޢަލީ ފާސިރު ފޮނުވާލި ބޯޅަވަނީ މާޒިޔާގެ ކީޕަރު ކިރަން މަތަކޮށްފައެވެ. މެޗްގައި ވެލެންސިޔާއިން ލީޑް ނެގީ، މެޗްގެ 31ވަނަ މިނެޓްގައި ޢަލީ ފާސިރު ކާމިޔާބުކޮށްދިން ގޯލުންނެވެ. މިބޯޅަ މަތަކުރުމަށް މާޒިޔާގެ ކީޕަރު ކިރަން ވެއްޓިގަނެފައި މަސައްކަތް ކުރިނަމަވެސް، ކިރަންގެ އަތުގައި ނުޖެހި ބޯޅަ ގޮސްވަނީ ގޯލްގެ އަރިމަތީ ކަނަށެވެ. ވެލެންސިޔާއިން ލަނޑު ޖެހުމާއެކު މާޒިޔާއިން ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖެހުމަށް މާޒިޔާއިން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ހަސަން ނާއިޒާއި އިބްރާހީމް ވަހީދު ހަސަންއަށެވެ. ނަމަވެސް މިދެ ކުޅުންތެރިންނަށްވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައި ވެލެންސިޔާއިން ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. ދެވަނަ ހާފްގައި މާޒިޔާއިންވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް ވެލެންސިޔާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ވެލެންސިޔާ ގޯލް ބަލަހައްޓަމުންދިޔަ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލްވަނީ މީގެ ތެރެއިން ބައެއް ހަމަލާތައް މަތަކޮށްފައެވެ. ވެލެންސިޔާއަށް ލިބިފައިވާ ލީޑް ފުޅާކޮށްދިނުމަށް ކެޕްޓަން ޢަލީ ފާސިރަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ މާޒިޔާގެ ކީޕަރު ކިރަންއެވެ. މެޗްގެ 71ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ ފާސިރު ފޮނުވާލި ނަމަވެސް، އެޕެނަލްޓީވަނީ މާޒިޔާގެ ކީޕަރު ދިފާޢުކޮށްފައެވެ. މާޒިޔާއިން އެޓީމްގެ ހަމަލާތައް ވަރުގަދަ ކުރުމަށް ނާއިޒްގެ ބަދަލްގައި ހަމްޒާ މުޙައްމަދު ކުޅެން އެރުވިއެވެ. ހަމްޒާ ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި ހަމްޒާއަށް މަތިން ލިބުނު ބޯޅައެއް ކޮންޓްރޯލްކޮށް އޭރިއާތެރެއަށް ވަންނަން ދިޔަ ވަގުތު ވެލެންސިއާގެ ޑަކްސަން އާއި އަހުމަދު ސިޒާން ފައުލުކުރި ކަމަށް ރެފްރީ ސިނާން ކަށިގަނޑު ފުމުނެވެ. ފައުލެއް ނޫން ކަމަށް ބުނެ، ވެލެންސިއާ ކުޅުންތެރިން ރެފްރީ ސިނާނު ގާތުގައި ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. އެ ވަގުތު ލައިންސްމަންގެ ލަފާ އަހާފައި ރެފްރީ ސިނާން ފުރަތަމަ ރަތް ކާޑު ދެއްކީ ޑަކްސަން އަށެވެ. އެއީ ލައިންސްމަން އަހުމަދު އަސްލަމް ކައިރީގައި އަހައިފައެވެ. އެކަމަކު، ހަމްޕު ގައިގައި ޖެހުނީ ސިޒާން ކަމަށް ބުނެ، ވެލެންސިއާ އިން އެޕީލްކުރަން ފެށުމުން އަނެއް ލައިންސްމަނަކަށް ހުރި ޝިފާން ކުރެން އޮޅުން ފިލުވުމަށް ފަހު ރެފްރީ ސިނާން ވަނީ ޑަކްސަންގެ ރަތް ކާޑު ކެންސަލްކުރުމަށްފަހު، އެ ކާޑު ދެއްކީ ސިޒާނަށް ކަމަށް ނިންމައިފައެވެ. މިހާ ހިސާބުން ވެލެންސިޔާއިން ކުޅެމުން ގޮސްފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ވެލެންސިޔާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް، މާޒިޔާއަށް ވެލެންސިޔާގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗްގައި ކުލަބް ވެލެންސިޔާ އާއި މާޒިޔާ ބައްދަލުކުރާއިރު، މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރ.އަލިފުށީގައެވެ.