ވިޔަފާރި

ދަނޑުވެރިކަމުގެ ސިނާއަތައް ޒުވާނުން ތަމްރީން ކުރަނީ


ދަނޑުވެރިކަމުގެ ސިނާއަތަށް ޒުވާނުން ތަމްރީން ކުރުމަށް ޔޫތު މިނިސްޓްރީން އެގްރޯނެޓާއިއެކު މަޝްވަރާކޮށްފިއެވެ.

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. ޔޫތު މިނިސްޓްރީން އެގްރޯނެޓާއެކީ މަޝްވަރާކޮށްފައިވަނީ އެ މިނިސްޓްރީން ކުރިއަށްގެންދާ ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުން ތަމްރީން ކުރުމަށެވެ.

އެގްރޯނެޓުން ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާއަތަކީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހުރި ދާއިރާއެއްކަމަށެވެ. ޔޫތު މިނިސްޓްރީއާއިއެކު ކުރެވުނު މި މަޝްވަރާތަކަށްފަހު މި ދާއިރާއަށް އިތުރަށް ޒުވާނުން ނެރުމަށް އެގްރޯނެޓްގެ ފަރާތުން މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެގްރޯނެޓްގެ އަމާޒަކީ މި ދާއިރާއަށް ވީހާވެސް ގިނަ ޒުވާނުން ނެރުމެވެ. އެގްރޯނެޓުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިން މަޝްރޫއުގައިވެސް ވަނީ ޒުވާނުންނަށް ޚާއްސަ އިސްކަމެއްދީފައެވެ. ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި މިހާރުވެސް ކޮންމެވެސް ވަރަކަށް ޒުވާނުން ވަނީ ބައިވެރިވެފައެވެ.

އެގްރޯނެޓުން ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާއަތައް ވަންނަން ބޭނުންވާ ޒުވާނުންނަށް އެ ކުންފުނީގެ ފަރާތުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. ޒުވާނުންގެ ޝައުގުވެރިކަން ހުރީ ޓެކްނޮލޮޖީއާއި ރަހުމަތްތެރި ދަނޑުވެރިކަން ކުރުމަށްކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. އެ ކުންފުނިން ވިދާޅުވީ މިއަހަރު ބޮޑަށް މަސައްކަތް ކުރާނީ ޓެކްނޮލޮޖީއާއި ރަހުމަތްތެރި ދަނޑުވެރިކަން ފުޅާކުރުމަށްކަމަށެވެ.

ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކާއެކުވެސް ވަނީ އެކި ދާއިރާއިން ޒުވާނުން ތަމްރީން ކުރުމަށް އެމްއޯޔޫގައި ސޮއިކޮށްފައެވެ. އެގޮތުން އެމްޑަބްލިއުއެސްސީއާއި މިފްކޯ ފަދަ ކުންފުނިތައް ހިމެނެއެވެ.