ކުޅިވަރު

ޓީސީ ބަލިކޮށް ޔޫވީއިން ފުރަތަމަ މޮޅު ހޯދައިފި


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ޔޫވީއިން ޓީސީ ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗް ޔޫވީ ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 1 ލަނޑުންނެވެ. މިއީ މިމުބާރާތުގައި ޔޫވީއިން ކުޅުނު މެޗްތަކުގެ ތެރެއިން މޮޅެއް ހޯދި ފުރަތަމަ މެޗެވެ.

ޔޫވީ އާއި ޓީސީއަށް މުބާރާތް ނިމިފައިވާއިރު، މިމެޗްގެ ފުރަތަމަ ހަމަލާ އުފެއްދީ ޔުނައިޓަޑް ވިކްޓްރީއިންނެވެ. މެޗް ފެށިގެން 2 މިނެޓެއް ވެސް ނުވަނީސް ޔޫވީގެ ނާވީ މުޙައްމަދު ޓީސީގެ ގޯލާއި ދިމާލަށް ފޮނުވާލި ހަމަލާވަނީ ޓީސީގެ ކީޕަރު އާދަމް އިމްއާން މަތަކޮށްފައެވެ. މެޗްގައި ޔުނައިޓެޑް ވިކްޓްރީއިން ލީޑް ނެގީ މެޗްގެ 23ވަނަ މިނެޓްގައި ޢަލީ ހައިޝަމް ޖަހައިދިން ގޯލުންނެވެ. ޔޫވީއަށް ލިބުނު ހިލޭ ޖެހުމަކުން ހައިޝަމް ފޮނުވާލި ބޯޅަ ގޯލަށް ވަދެފައިވަނީ ކީޕަރު އިމްއާން އަތުގައި ޖެހިފައެވެ. މިމެޗްގައި ޔޫވީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗްގެ 38ވަނަ މިނެޓްގައި ޔޫވީއިންވަނީ އެޓީމަށް ލިބިފައިވާ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ހަމްދާނެވެ. ޔޫވީއިން ދެ ގޯލް ޖެހުމާއެކު ޓީސީއިންވެސް ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޓީސީއަށް ޔޫވީގެ ގޯލަށް ނުރައްކާވާ ވަރުގެ ހަމަލާއެއް މެޗްގެ ފުރަތަމަ ހާފްގައި ފޮނުވާލެވިފައެއް ނުވެއެވެ.

މެޗްގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ޔޫވީގެ ހައިޝަމް ވަނީ ޓީސީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް މި ދެ ހަމަލާވެސް ޓީސީގެ ގޯލްއާއި ސީދާ ކޮށްލެވޭ ވަރެއް ނުވިއެވެ. ޓީސީގެ ޒަޔާން ނަސީރުއަށް ގޯލެއް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ 61ވަނަ މިނެޓްގައި ޔޫވީއިން ވަނީ އެޓީމުގެ 3ވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ބައްސާމް މުޙައްމަދުއެވެ. މެޗްގައި ޔޫވީގެ 4ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޓޯނީއެވެ. މެޗްގެ 86ވަނަ މިނެޓްގައި ޓީސީއިން މެޗްގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޒައުލް ނާޒިމެވެ.