ޚަބަރު

ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލެވަންޑޯސްކީ ދިފާޢުކޮށްފި


ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖަރުމަނުގެ ބަޔާން މިއުނިކްގެ ތަރި ރޮބަޓް ލެވަންޑޯސްކީ ދިފާއުކޮށްފިއެވެ. ލެވަޑޮސްކީ މިފަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދިފާޢުކޮށްފައިވަނީ މިމަގާމް 7 ފަހަރު ހޯދާފައިވާ ލިއޮނަލް މެސީ އާއި ލިވަޕޫލްގެ މުޙައްމަދު ސަލާހާއި ވާދަކޮށްގެންނެވެ. ލެވަންޑޯސްކީ އަށް ވަނީ 48 ޕޮއިންޓް ލިބިފައިވާއިރު، މެސީ އަށް 44 ޕޮއިންޓް ލިބިފައިވޭ އަދި ސަލާހަށްވަނީ 39 ޕޮއިންޓް ލިބިފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި ވޯޓް ލަނީ ޤައުމީ ޓީމުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ފީފާ އިން ރަޖިސްޓްރީކޮށްފައިވާ ގައުމުތަކުގެ މީޑިއާ އޮފިޝަލުންނެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލެވަންޑޮސްކީ ހޯދިއިރު، މިމަގާމް އެންމެ ފަހުން ހޯދާފައިވަނީވެސް ލެވަންޑޮސްކީއެވެ. އޭނާވަނީ ޤައުމީ ޓީމާއި ބަޔާންއަށް މިދިޔަ އަހަރު 45 މެޗުން 51 ގޯލު ޖަހައިފައެވެ. ލެވަންޑޯސްކީ ވަނީ ކަލަންޑަރު އަހަރެއްގައި ޖަރުމަނު ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑާއި އެއް ސީޒަނެއްގައި އެންމެ ގިނަ ލީގު ގޯލު ޖަހައިގެން މުލާ ހަދާފައިވާ ރެކޯޑެއް މުގުރާލައިފައެވެ.

އެންމެ މޮޅު ކޯޗުކަން ލިބުނީ ޗެލްސީއަށް ޗެންޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދިން ތޯމަސް ޓުޗެލްއަށެވެ. އަންހެން މޮޅު ކޯޗަކަށް ހޮވުނީ ޗެލްސީ އަންހެން ޓީމުގެ އެމާ ހޭސްއެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ޗެލްސީގެ އެޑުއާޑް މެންޑީއެވެ. މެންޑީ މިމަގާމް ހޯދީ ބަޔާން މިއުނިކްގެ މެނުއަލް ނޯޔާ އާއި އިޓަލީގެ ޖިއަންލުއީޖީ ޑޮނަރުންމާއާއި ވާދަކޮށްގެންނެވެ.

މިފަހަރުގެ ފީފާގެ ޑްރީމް ޓީމްގެ ގޯލުކީޕަރަކީ ޑޮނަރުންމާއެވެ. މިޓީމްގެ ޑިފެންޑަރުންނަކީ މެންޗެސްޓާ ސިޓީގެ ރުބެން ޑިއާޒް، ޔުވެންޓަސްގެ ލެއޮނާޑޯ ބޮނޫޗީ އަދި ރެއާލް މެޑްރިޑްގެ ޑޭވިޑް އަލަބާ، މިޓީމްގެ މިޑްފީލްޑަރުންނަކީ ޗެލްސީގެ ޖޯޖީނިއޯ އާއި އެންގޯލޯ ކާންޓޭ އަދި ސިޓީގެ ކެވިން ޑިބްރޭނާއެވެ. ފޯވާޑުންގެ ގޮތުގައި ހޮވިފައިވަނީ މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ، ލެވަންޑޯސްކީ އަދި އާލިން ބްރައުޓް ހާލަންޑްއެވެ.

ފީފާގެ އެންމެ މޮޅު ސަޕޯޓަރުންގެ އެވޯޑާއި ފެއާ ޕްލޭ އެވޯޑް ލިބުނީ ޑެންމާކް ޓީމާއި ޑެންމާކްގެ މެޑިކަލް ޓީމުގެ އިތުރުން ޑެންމާކްގެ ސަޕޯޓަރުންނާއި ފިންލެންޑްގެ ސަޕޯޓަރުންނަށެވެ. އެންމެ މޮޅު ގޯލަށްދޭ ފީފާ ޕުސްކަސް އެވޯޑް ލުބުނީ ޓޮޓެންހަމް އަށް ކުރިން ކުޅުނު އާޖެންޓީނާގެ އެރިކް ލަމޭލާއެވެ. މިގޯލަކީ ލަމޭލާ އާސެނަލް ކޮޅަށް ޖެހި ގޯލެކެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑް މިދިޔަ އަހަރު މުގުރާލި ރޮނާލްޑޯ އަށް ވަނީ ފީފާގެ ހާއްސަ އެވޯޑެއް ދީފައެވެ. އަލީ ދާއީ 109 ގޯލު ޖަހައިގެން ހަދާފައިވާ ރެކޯޑް މުގުރާލައި ރޮނާލްޑޯ ވަނީ 115 ގޯލު ޖަހާފައެވެ.