ޚަބަރު

މާފުށީ ޖަލުން 63 މީހަކު ކޯވިޑަށް ޕޮޒިޓިވް، 419 ގައިދީން ކަރަންޓީނުގައި


ކޯވިޑްގެ ހާލަތު ގޯސްވެ، ކުއްލި ހާލަތުގައި އޮތް މާފުށީ ޖަލުން 63 ގައިދީއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 1،400 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާއިރު، މިހާތަނަށް 63 ގައިދީއަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި ގައިދީންނާއި ކޮންޓެކްޓުވި 419 ގައިދީއަކު ތިބީ ކަރަންޓީނުގައެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވަމުންދާތީ، ކަމާއިބެހޭ ފަރާތްތަކުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމުގައި ކަރެކްޝަނުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މި 3 ހަފްތާއަކީ މިބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ނުރައްކާ އެންމެ ބޮޑު ވެގެންދާނެ ތިން ހަފްތާގެ ގޮތުގައި ކަމާއިބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.