ކުޅިވަރު

ނޯވަކް ޖޯކިވިޗް އޮސްޓްރޭލިއާއިން ޑިޕޯޓް ކޮށްލައިފި


އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ބައިވެރިވުމަށް އޮސްޓްރޭލިއާއަށް ދިޔަ ދުނިޔޭގެ އެއްވަނަ ފިރިހެން ޓޭނިސް ކުޅުންތެރިޔާ ނޯވަކް ޖޯކިވިޗް އެޤައުމުން ޑިޕޯޓް ކޮށްލައިފިއެވެ. އޮސްޓްރޭލިއާއިން ޖޯކޮވިޗް ޑިޕޯޓް ކޮށްލާފައިވަނީ އޭނާ ކޮރޯނާ ވައިރަސް ވެކްސިންގެ އެއްވެސް ޑޯޒްއެއް ޖަހާފައި ނެތުމާއި ވެކްސިން ޖަހަން ބޭނުންނުވާ މީހުންނަށް އޭނާގެ ފަރާތުން ހިތްވަރު ލިބޭކަމަށްބުނެ އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޖޯކޮވިޗްގެ ވީސާ ކެންސަލް ކުރުމާއެކު ޖޯކޮވިޗާއި އޭނާގެ ލޯޔަރުންގެ ޓީމުން ވަނީ އެކަމާއި ދެކޮޅަށް ކޯޓްގައި އެޕީލްވެސް ކޮށްފައެވެ. ނަމަވެސް ކޯޓުންވެސްވަނީ އޭނާގެ ވިސާ ކެންސަލް ކުރި ކުރުން އަނބުރާލުމަށް އެންގޭނެ ހާލަތެއް ނެތްކަމަށް ބުނެފައެވެ. ކޯޓްގެ ނިންމުމާއެކު ޖޯކޮވިޗް މިހާރުވަނީ އޮސްޓްރޭލިއާއިން ފުރާފައެވެ. އަދި އޭނާގެ ވިސާގެ ކަންތައްތަށް ދިޔަގޮތާމެދު ވަރަށް ދެރަވާކަމަށާއި ނަމަވެސް ކޯޓުގެ ނިންމުން ބަލައިގަންނަކަމަށް ޖޮކޮވިޗް ބުންޏެވެ. އަދި އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކާއި ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެކަމަށާއި، ކޯޓުގެ ނިންމުމާއެކު އޮސްޓްރޭލިއާގެ ބޮޑުވަޒީރުވަނީ އެކަމަށް މަރްހަބާ ވިދާޅުވެފައެވެ. އަދި މިއީ އޮސްޓްރޭލިއާގެ ބޯޑަރު ވަރުގަދަކޮށް ބޭއްވުމާއި އެޤައުމުގެ ރައްޔިތުން ރައްކާތެރިކޮށް ބޭތިއްބުމަށް ލިބިގެންދިޔަ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ނަމަވެސް ޖޯކޮވިޗްގެ ވިސާގެ ކަންތަކުގައި އޮސްޓްރޭލިއާ ސަރުކާރުން އަމަލު ކުރިގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

އޮސްޓްލިއާ ސަރުކާރުން އެންމެފުރަތަމަ ވަނީ ޖޯކޮވިޗް ސިއްހީ ސަބަބުތަކަށްޓަކައި ވިސާ ނުޖަހާ އެޤައުމަށް އެތެރެވުމަށް ވިސާ ދީފައެވެ. ނަމަވެސް އާންމުންގެ ނުރުހުން މިކަމަށް އަމާޒުވާން ފެށުމާއެކު ޖޯކޮވިޗް އޮސްޓްރޭލިއާއަށް ދިއުމާއެކު އެއަރޕޯޓުން އޭނާގެ ވިސާ ކެންސަލްކޮށް އޭނާ ހިފެހެއްޓިއެވެ. އަދި އެއާއެކު ޖޯކޮވިޗްގެ ޓީމުން އެކަން އެޕީލް ކުރުމާއެކު ކޯޓުން ވަނީ އެކަން އޮސްޓްރޭލިއާ ސަރުކާރުން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމާ އޭނާއަށް އަލުން ވިސާ ދިނުމަށް އަމުރުކޮށްފައެވެ. އަދި އެއާއެކު އޭނާގެ ވިސާ ދެވަނަ ފަހަރަށް ކެންސަލް ކުރީ އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވުމަށް އެޤައުމުގައި ފަރިތަކުރަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުއެވެ. އަދި އޮސްޓްރޭލިއަން އޯޕަންއިން ބޭއްވި ގުތުލުމުގައިވެސް ޖޯކިވިޗްގެ ނަން ހިމަނައި މިއަދު ފަށާ މިމުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗްތަކުގައި އޭނާ ވާދަކުރާގޮތަށްވެސް އޮތީ ހަމަޖައްސާފައެވެ. ޖޯކޮވިޗް ޑިޕޯޓް ކޮށްލުމާއެކު މިކަންތަކަށްވެސް ވަނީ ބަދަލު ގެންނަން މަޖްބޫރުވެފައެވެ. މިގޮތުން ޖޯކޮވިޗް ނެތުމުން މުބާރާތުން ހުސްވި މަގާމް ދިނުމަށް މިހާރު ހަމަޖެހިފައިވަނީ ކޮލިފައިންގ އެންމެފަހު ބުރުގައި ބަލިވި ދުނިޔޭގެ 150 ވަނައަށް ރޭންކް ކުރެވިފައިވާ އިޓަލީވިލާތުގެ ސެލްވަޓޯރޭ ކަރޫސޯއަށެވެ. އެހެންކަމުން މިއަދު ޖޯކޮވިޗް ކުޅެން ހަމަޖެހިފައިވި މެޗްގައި އޭނާގެ ބަދަލުގައި ސަރބިއާގެ މިއޮމީރު ކެޗްމަނޮވިޗް އާއި ވާދަކުރާނީ ކަރޫސޯއެވެ.