ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ ތައުލީމީ ނިޒާމް ފުޅާކޮށް ރަށްރަށުގައި ވަސީލަތްތައް ޤާއިމްކުރުން: ނާއިބު ރައީސް


މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ކުރާ އެންމެ ބޮޑު މަސައްކަތަކީ ތަޢުލީމީ ނިޒާމް ފުޅާކޮށް، ރަށްރަށުގައި ތިބެ ތަޢުލީމް އުނގެނޭވެ ފުރިހަމަ ވަސީލަތްތައް ޤާއިމްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްގެ ނާއިބު މިހެން ވިދާޅުވީ، ސެޓެލައިޓް ސްކޫލް ނިޒާމް އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސެޓެލައިޓް ސްކޫލް ނިޒާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ސެޓެލައިޓް ސްކޫލް ނިޒާމާއެކު ފެށިގެން މިދިޔައީ ޖަޒީރާ ތަރައްޤީގެ އައު ފެށުމެއްކަމަށެވެ. މި ނިޒާމާއެކު މީގެ ކުރިން އަމިއްލަ ރަށުގައި ތިބެގެން ތަޢުލީމް އުނގެނުމުން މަހްރޫމްވި ދަރިވަރުންނަށް ލިބިގެންދިޔަ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވަނީ ތައުލީމް ލިބުމުގެ ހައްގަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއްކަން ފާހަގަކުރައްވާފައެވެ. ސަރުކާރުން ފެށި ސެޓެލައިޓް ސްކޫލް ނިޒާމުން އެނގިގެން މިދަނީ ތައުލީމީ ނިޒާމް ހަރުދަނާކޮށް ފުޅާކޮށް، ދަރިވަރުންނަށް ފުރުސަތު ތަނަވަސްކުރުމަށް ދިވެހި ސަރުކާރުން ޚާއްޞަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރައްވާ ބުރަ މަސައްކަތްކަމަށް ނާއިބު ރައިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި އެ ރަށްތަކުގެ ބެލެނިވެރިންނާ ދަރިވަރުން ތަޢުލީމަށް އުފުލި ތަކުލީފްތައް. ކިތަންމެ ކަނޑުގަދަޔަސް ވިއްސާރަޔަސް އުފުލި ތަކްލީފްތައް. މިއަދު މި ތަޢާރަފްކުރެވުނު ނިޒާމުން ދައްކައިދެނީ ރައްޔިތުންނަށް ކަންތައް ކޮށްދިނުން. ވަކިން ޚާއްޞަކޮށް ދަރިވަރުންނަށް އަޅާލުމަކީ މިއީއޭ. އަޅުގަނޑު ދަންނަވާނީ ޤައުމު ބިނާކުރުމަށް އެންމެ މުހިންމީ ތައުލީމީ ނިޒާމް ވަރުގަދަވެ ހަރުދަނާވުން." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މި ސަރުކާރުން ތައުލީމީ ނިޒާމް ފުޅަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވެ ނާއިބު ރައީސް ވަނީ މިހާތަނަށް ތަޢުލީމީ ދާއިރާއިން 40އަށްވުރެ ގިނަ މަޝްރޫޢު ސްކޫލްތަކުގައި ނިންމާފައިވާކަމަށާއި، 50އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ހިންގަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ސްކޫލްތަކުގައި އިތުރު ގިނަ މަޝްރޫޢުތަކެއް ފެށުމުގެ މަރުހަލާގައިވެސް ވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ސިޔާސީ ގޮތުން އެކި ނަންނަމުގައި ހިންގާ ހަރަކަތްތަކުގެ އަސަރު ސްކޫލްތަކަށް ފޯރުމަކީ އެކަމުގެ ގެއްލުން ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރާނެކަމެއްކަމަށް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސެޓެލައިޓް ސްކޫލް ޤާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ބައިވެރިވެވަޑައިގަތީ ބ.ފެހެންދޫގައި ހުންނަވައިގެންނެވެ. މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވީ، ރާއްޖޭގައި އާބާދީ ކުދި ރަށްތަކަކީ އެންމެ ކުށް މަދު ރަށްތައްކަމަށެވެ. އެއީ ހިތްގައިމު ރަށްތަކެއްކަމަށް ސިފަކުރައްވާ މިނިސްޓަރ ވިދާޅުވީ މީސްކޮޅު މަދުވުމުން ބައެއް މީހުން އަމިއްލަ ރަށް ދޫކޮށް ތަޢުލީމަށްޓަކައި ހިޖުރަކުރާކަމަށެވެ. ނަތީޖާއަކީ ރަށުގައި ދެން ތިބި މީހުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިވުންކަމަށާއި، ނަމަވެސް ސެޓެލައިޓް ސްކޫލްގެ ނިޒާމާއެކު ކުދި ރަށްތަކުގެ ރައްޔިތުންނަށް ހިނިތުންވުން ގެނުވައިފިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ސެޓެލައިޓް ސްކޫލް ނިޒާމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގާ ނިޒާމެއްކަން ފާހަގަކުރައްވާފައެވެ.

"މި މަޝްރޫޢުގެ ސަބަބުން، އަޅުގަނޑު ދެކެން ބޭނުންވާ މަންޒަރަކީ، މި ކުދީންގެ ކިޔެވުމުގެ ކާމިޔާބީގެ ސަބަބުން، މި ރަށްރަށުން ހިޖުރަކުރި ޢާއިލާތަކާއި އިތުރު ޢާއިލާތައް، ރަށަށް އެނބުރި އަންނަތަން. ރަށުގެ އާބާދީ ބޮޑުވެގެން ގޮސް އިތުރު ވަޞީލަތްތައް ރަށަށް ލިބޭތަން" އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުރަވީ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ވިދާޅުވީ ސެޓެލައިޓް ސްކޫލްތަކުގައިވެސް ކިޔަވައިދޭނީ ތަޢުލީމީ ޤައުމީ މަންހަޖަށް އަހުލުވެރި މުދައްރިސުންކަމަށާއި، އެ މުދައްރިސުންނަކީ އޮންލައިންކޮށް ކިޔަވައިދިނުމަށްވެސް ފަރިތަ ބައެއްކަމަށެވެ.

"މި ނިޒާމުގެ ތެރެއިންވެސް ޤައުމީ މަންހަޖުގައި އެކުލެވިފައިވާ މިންވަރަށް ފޯރުކޮށްދެވޭނެ. އަދި ދަރިވަރުންނާއި ބައްދަލުނުވިޔަސް އޮންލައިންކޮށް ބައްދަލުވެ ދަރިވަރުންގެ އުއްމީދު ހާސިލްކުރެވޭ މިންވަރަށް ހުރަވީ ސްކޫލްގެ މުދައްރިސުން މަސައްކަތް ކޮށްދެއްވާނެ."ހުރަވީ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ބ. ފެހެންދޫ ވ. ތިނަދޫ ވ.ރަކީދޫ ސެޓެލައިޓް ސްކޫލްތަކުގައި ސަރުކާރުން ވަނީ، ކިޔަވާ ހުރިހާ ގަޑިތަކުގައިވެސް ހައި ސްޕީޑް އިންޓަނެޓް ކަނެކްޝަނެއް މެދުވެރިކޮށް ދަރިވަރުންނަށް ވައިފައިގެ ޚިދުމަތް، ލިބޭނެގޮތް ހަމަޖައްސާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.