ކުޅިވަރު

ލިވަޕޫލުން ބްރެންޓްފަޑް ބަލިކޮށް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ތާވަލްގެ ދެވަނައަށް ލިވަޕޫލް އަރައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންންވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗްގެ 44 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ އެލެކްސް އޮކްސްލޭޑް ޗެންބަލިންއެވެ. އަދި ފަހު ލަނޑު ޖަހައިދިނީ 77 ވަނަ މިނެޓްގައި ޓަކުމީ މިނަމީނޯއެވެ. މިއީ 2017 ވަނަ އަހަރުގެ މެއި މަހަށްފަހު މުހައްމަދު ސަލާހް އާއި ސާޑިއޯ މާނޭއިން ކުރެ ކުޅުންތެރިއެއް ނެތި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗެވެ. މިދެކުޅުންތެރިން ވެސް އަންނަނީ މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި މިސްރާއި ސެނެގާލް ތަމްސީލް ކުރަމުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕް ބުނީ މިވަގުތު ތާވަލްގެ އެއްވަނައިގައި ވަރަށް ހަމަޖެހިލައިގެން އޮތް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އަރާ ހަމަކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށެވެ. ނަމަވެސް މިކަމުގައި އެއްވެސް މީހަކަށް ލިވަޕޫލުން ކުރަމުންދަ މަސައްކަތް ޔަގީން ކޮށްދޭން ނުޖެހޭ ކަމަށާއި އެކަން ކުރެވިދާނެކަމަށް ގަބޫލް ކުރާމީހުން ކްލަބާއެކު ކުރިއަށް ދާނެކަމަށެވެ. އަދި ލިވަޕޫލާއެކު ތިބި ބަޔަކަށް އެންމެފަހު ވަގުތާޖެހެންދެންވެސް ފޯރިގަދަ ބަލާހިތްވާ މެޗްތަކެއް ދައްކުވާ ދެވޭތޯ ބަލަނެކަމަށް ކްލޮޕް ބުންޏެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އޮތީ 21 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެއްވަނައިގައި އުޅޭ ސިޓީ އާއި ދެމެދު 11 ޕޮއިންޓްގެ ތަފާތު އެބައޮތެވެ. ނަމަވެސް އެޓީމު އަދި އެއްމެޗް ނުކުޅެ އޮތުމުން ފަރަގު 8 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިވަޕޫލަށް ލިބިގެންވެއެވެ. މިމެޗުން ބަލިވުމުން ބްރެންޓްފޯޑް އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.