ވިޔަފާރި

މަނަދޫގައި ފިނި ކޮށާރެއް ހަދަން އެގްރޯނެޓުން ބަޔަކާ ޙަވާލުކޮށްފި


ނ.މަނަދޫގައި ފިނި ކޮށާރަކާއި އޮފީސް ޢިމާރާތެއް ހަދަން އެގްރޯނެޓުން ބަޔަކާ ޙަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ.

މަނަދޫގައި ފިނި ކޮށާރަކާއި އޮފީސް ޢިމާރާތެއް ހަދަން ޙަވާލުކޮށްފައިވަނީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެގްރޯނެޓުގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަޙްމަދު ފުޅެވެ. ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަޙްމަދު ޒިޔާދެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ 1،516،798.76 (އެއް މިލިޔަން، ފަސް ލައްކަ ސޯޅަ ހާސް ހަތް ސަތޭކަ ނުވަދިހަ އަށް ރުފިޔާ ހަތްދިހަ ހަ ލާރި)އަށެވެ. މަސައްކަތް ޙަވާލުކުރި ފަރާތުން މިމަސައްކަތުގެ ޢަމަލީ މަސައްކަތް މިމަހުގެ 27ވަނަ ދުވަހު ފަށަންޖެހޭނެކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެހެންކަމުން މިއަހަރުގެ އޭޕްރީލް މަހުގެ 11ވަނަ ދުވަހު މަސައްކަތް ނިންމަންޖެހޭނެއެވެ.

ރާއްޖޭގެ 9 ރަށެއްގައި ފިނިކޮށާރު ހެދުމަށް އެގްރޯނެޓުންވަނީ ނިންމަވާފައެވެ. އެއީ ލ.ގަން، ލ.އިސްދޫ، ފ.މަގޫދޫ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ރ.ކިނޮޅަސް، ނ.މަނަދޫ، ގއ.ނިލަންދޫގައެވެ.

އެގްރޯނެޓުން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިނިކޮށާރު ޤާއިމްކުރުމުން އެ ސަރަހައްދުތަކުގެ ދަނޑުވެރިން ހައްދާ ތަކެތި ގެންދާނީ އެތަންތަނަށްކަމަށެވެ. އަދި އެ ސަރަހައްދުތަކުން ތާޒާކަމާއެކު ރިސޯޓްތަކާއި އެހެން ވިޔަފާރިތަކަށް ތަކެތި ހޯލްސޭލްކުރާނެކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.