ދުނިޔޭގެ ވިޔަފާރި

ޕެންޑަމިކާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހުން އިތުރަށް މުއްސަނދި: އޮކްސްފެމް


ޕެންޑަމިކާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހުން އިތުރަށް މުއްސަނދިވެފައިވާ ކަމަށް އޮކްސްފެމުން ހާމަކޮށްފިއެވެ.

މަޝްހޫރު ރިސާޗް ފާމެއް ކަމަށްވާ އޮކްސްފެމް އިންޓަރނޭޝަނަލް އިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ޕެންޑަމިކްގެ ތެރޭގައި ބިލިއަނަރުންގެ މިލްކިއްޔާތަށްވަނީ 5 ޓްރިލިއަން ޑޮލަރުގެ އިތުރުވުމެއް އައިސްފައެވެ. އެގޮތުން ބިލިއަނަރުންގެ ޖުމްލަ މިލްކިއްޔާތު 2020ވަނަ އަހަރުގެ މާރޗުމަހު 8.6 ޓްރިލިއަން ޑޮލަރުގައި ހުރިއިރު މިއަދަދުވަނީ މިދިޔަ ނޮވެންބަރުމަހު 13.8 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.

މިއީ ފާއިތުވި 14 އަހަރުތެރޭ މިފަދަ ބޮޑު ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރެވެ. އަދި ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ މިލްކިއްޔާތުވަނީ މި މުއްދަތުގައި ދެގުނައަށް އިތުރުވެފައެވެ. އޮކްސްފެމުން ހާމަކުރާގޮތުގައި މުއްސަނދިން އިތުރަށް މުއްސަނދިވެފައިވާއިރު، ޕެންޑަމިކާ ގުޅިގެން ފަޤީރު ހާލުގައި އުޅޭ މީހުންގެ އަދަދުވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
އޮކްސްފެމުން ދެކޭގޮތުގައި ޤައުމުތަކުން މުއްސަނދިން އަތުން ނަގާ ޓެކްސް އިތުރުކޮށް، އެ ލިބޭ އާމްދަނީން ފަޤީރު ހާލުގައި އުޅޭ ފަރާތްތަކަށް އެހީވާން ޖެހެއެވެ. މިފަދަ ގޮތަކަށް އަމަލުކޮށްގެން ނޫނީ މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ކުޑަ ނުކުރެވޭނެ ކަމަށް އޮކްސްފެމުން ބުނެއެވެ.
އޮކްސްފެމުގެ ރިޕޯޓަކީ ފޯބްސް ބިލިއަނަރސް ލިސްޓު އަދި ކްރެޑިޓު ސުއިސް ގްލޯބަލް ވެލްތު ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ރިޕޯޓެކެވެ.

މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ބޮޑުވަމުންދާތީ އޮކްސްފެމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ވޯލްޑު ބޭންކުންވެސް މީގެ ކުރިންވަނީ ޕެންޑަމިކާއެކު ދުނިޔޭގައި ފަޤީރު ހާލުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ބުނެފައެވެ.

އެގޮތުން ވޯލްޑް ބޭންކުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން 2020ވަނަ އަހަރު، 97 މިލިއަން މީހުންވަނީ ފަޤީރުންގެ ލިސްޓަށް އިތުރުވެފައެވެ. މި މީހުންނަށް މިހާރު ލިބެނީ ދުވާލަކަށް 2 ޑޮލަަރަށްވުރެ ކުޑަ އާމްދަނީއެއް ކަމަށް ވޯލްޑް ބޭންކުން ހާމަކުރެއެވެ.