ޚަބަރު

"މާދަމާއިން ފެށިގެން ކުޑަރިކިލަށް ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ"


މާދަމާއިން ފެށިގެން ބ.ކުޑަރިކިލު ސިއްޙީ މަރުކަޒުން ޑޮކްޓަރެއްގެ ޚިދުމަތް ލިބެންފަށާނެކަމަށް، ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގެ ސިއްޙީ ކަންކަން ބަލަހައްޓަމުން ގެންދާ ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސް މުހައްމަދު ރަޝީދު ވިދާޅުވީ ކުޑަރިކިލަށް ޑޮކްޓަރަކު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ އެކަން މާދަމާއިން ފެށިގެން ހައްލުވެގެން ދާނެކަމަށެވެ. ބޭރުގައުމެއްގެ ޑޮކްޓަރަކު މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޢާންމު ބަލިތަކުގެ ޑޮކްޓަރުން ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން ރަޝިދު ވިދާޅުވީ އެ އަތޮޅު ދަރަވަންދުއާއި ތުޅާދުއަކީ ދެޑޮކްޓަރުން ތިބެންޖެހޭ ރަށެއްނަމަވެސް އެރަށްތަކުގައިވެސް މިވަގުތު ހުރީ އެންމެ ޑޮކްޓަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑޮކްޓަރަކު ނެތް މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒު ބަންދުކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ނުރުހުން ފާޅުވެސްކޮށްފައެވެ.

އެރަށުން ވާހަކަ ދެއްކި މީހުން ބުނީ އަޑު އުފުލަން ޖެހެނީ އެރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއާއި ކޯވިޑްގެ ބަލި ފެތުރެމުންދާތީކަމަށެވެ.

އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10ގައި ވަނީ ޗުއްޓީ އަށް ގޮސްފައެވެ. މިހާރު އެރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.