ޚަބަރު

ރައީސްގެ މަންދޫބް، ޝޫރާ ކައުންސިލުގެ ރައީސްއާ ބައްދަލުކުރެއްވުން


ރައީސުލްޖުމްހޫރިއްޔާގެ
ޚާއްޞަ މަންދޫބު، މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އޮނަރަބަލް ދުންޔާ މައުމޫން،
ރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢުދީ ޢަރަބިއްޔާގެ ޝޫރާ
ކައުންސިލްގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އައްޝައިޚްއާ މިއަދު
ބައްދަލުކުރައްވައިފިއެވެ.



މިބައްދަލުކުރެއްވުން
އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ދެއްކެވި
ވާހަކަފުޅުގައި، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުމަށް 35
އަހަރުވެފާވާކަން ފާހަގަ ކުރައްވަމުން ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ސަރުކާރުން
ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ސަޢުދީ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.



އެކަމަނާ އިތުރަށް
ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ސަޢުދީ މިޝަންއެއް ޤާއިމްވުމަކީ ވަރަށް
އުފާކުރައްވާކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. ޝޫރާ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި، ސަޢުދީ ޢަރަބިއްޔާގެ ޝޫރާ ކައުންސިލްއާ
ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިއްމު ކަންތައްތަށް ނިންމެވުމަށްޓަކައި
ކޮމިޓީތަކެއް އުފެއްދުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވިއެވެ.



އަދި މި ކޮމިޓީތައް
މެދުވެރިކޮށް ދެޤައުމުން ވެސް މުހިއްމުކަން ދޭ ކަންކަން ނިމްމެވުމާ ޓެރަރިޒަމް
ފަދަ ނޭދެވޭ ކަންކަން ނައްތާލަން މަސައްކަތްކުރާނެ ވާހަކަ އެމަނިކުފާނު
ވިދާޅުވިއެވެ.



މިބައްދަލުކުރެއްވުމުގައި،
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން
އެފެއާރޒްގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދާއި، މިނިސްޓްރީ އޮފް
ފޮރިން އެފެއާރޒްގެ ޑެޕިއުޓީ މިނިސްޓަރު އަލްފާޟިލާ ފާތިމަތު ޢިނާޔާ
ބައިވެރިވެވަޑައިގެންނެވިއެވެ.