ޚަބަރު

ތިމާގެ ރައްކާތެރިކަމަށް ބޫސްޓަރ ޑޯޒް ޖަހަން އަވަސްކުރައްވާ!


ކޯވިޑްގެ ވަބާއިން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެކި އުޞޫލްތައް އެކުލަވާލާއި ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނައިރު ރައްޔިތުންގެ ކިޔަމަންތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އުޞޫލްތަކާއި ފިޔަވަޅުތަކުގެ އިތުރަށް މި ވަބާއިން ރައްކާތެރިވުމަށް ނުވަތަ ބަލީގައި ބޮޑުވަރުވިޔަ ނުދިނުމަށްޓަކައި ވެކްސިން ޖެހުމަކީވެސް ހަމަ އެހާމެ މުހުއްމު ކަމެކެވެ. މިގޮތުން މިހާރު ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒްގެ އިތުރަށް 3 ވަނަ ޑޯޒް ޖެހުމަކީ މި ބަލިން ރައްކާތެރިވުމަށް މުހިއްމު ފިޔަވަޅެއްކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

ކޯވިޑަށް ވެކްސިން އުފެއްދި ހިސާބުން ފެށިގެން ރާއްޖެއަށް ވެކްސިން ގެނެސް ރައްޔިތުންގެ ސިއްހަތު ސަލާމަތުން ބެއްހެއްޓުމަށްޓަކައި ސަރުކާރުން ގެންދެވީ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު ރާއްޖެއަށް ވެކްސިން ގެނެސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށިއެވެ. އެއަށްފަހު ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމުގެ އިންތިޒާމްތައްވެސް ހަމަޖެއްސިއެވެ. އޭރުވެސް އަޅުގަނޑުމެންނަށް ފެންނިގެންދިޔައީ ވެކްސިން ޖެހުމަށް ރައްޔިތުން ބޭނުންވާކަމާއި ބަލިން ސަލާމަތްވުމަށް ބޭނުންވާ ކަމެވެ. އެތަކެއް ވަގުތު ވެކްސިން ޖެހުމަށްޓަކައި ކިއުތަކުގެ މަޑުކޮށް ރައްޔިތުން ގެންދިޔައީ ވެކްސިން ޖަހަން ބޭނުންވާކަން ދައްކަމުންނެވެ. އަނެއްކާވެސް މިވަނީ ވެކްސިންގެ އިތުރު ޑޯޒްއެއް ޖަހަން ފަށާފައެވެ.

ކޯވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ފެތުރެމުންދާ ދަނޑިވަޅުގައި ބަލިން ރައްކާތެރިކުރުމަށްޓަކައި ވެކްސިންގެ ބޫސްޓަރ ޑޯޒް ވަނީ ޖަހަން ފަށާފައެވެ. ފުރަތަމަ ވަކި ޚާއްސަ ކެޓަރީތަކުގައި ހިމެނޭ މީހުންނަށް ބޫސްޓަރ ޑޯޒް ޖަހައިދިންނަމަވެސް މިމަހުގެ 15 ވަނަ ދުވަހު އާއްމުންނަށް ހުޅުވާލައިގެން ވަނީ ވެކްސިން ޖަހަން ފަށާފައެވެ. ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަން ފެށުމާއެކު ވެކްސިން ސެންޓަރުތައްކަށް މީހުން ޖަމާވާން ފެށިއެވެ. ކިއު ހަދައިގެން ވެކްސިން ޖެހޭނެ އިރެއްގެ އިންތިޒާރުގައި އެތަކެއް ގަޑިއިރުތަކެއް ވަންދެން ރައްޔިތުން ތިބީ އަވީގައެވެ. އެއިންވެސް ދައްކާދެނީ މިކަމަށް ރައްޔިތުންގެ އެއްބާރުލުން ދޭ މިންވަރެވެ.

އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ޖަހަން ހުޅުވާލާފައިވާއިރު ވެކްސިންޖެހުމަށްBook.hpa.gov.mv މެދުވެރިކޮށް ރަޖިސްޓަރ ވާން ޖެހެއެވެ. ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަރުބާރުގެއިންނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ނިސްބަތްވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ވެކްސިން ޖަހަންދާއިރު، އައިޑީކާޑާއި ވެކްސިން ކާޑުވެސް ގެންދަން ޖެހޭނެ ކަމަށެވެ. ދައިމީ ބޭހެއް ކުރާ ނަމަ، ބޭސް ސިޓީ ވެސް ގެންދަން ޖެހެއެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ރަނގަޅަށް ކައިގެން ދިއުމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ނުދިއުމަށް ކަމާ ބެހޭ ފަރާތްތަކުން އަންގައެވެ.

މިދުވަސްވަރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މާލެ ސަރަޙައްދުން އިތުރުވަމުންދާއިރު މާލެ ސަރަޙައްދުން ޓެސްޓު ކުރާ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ރަށްރަށުން ޗުއްޓީއާ ދިމާކޮށް މާލެއަށް ދަތުރުކުރި މީހުން އެނބުރި ރަށަށް ދިޔުމަށް ގިނަބަޔަކު އަންނަނީ ޕީސީއާރް ޓެސްޓު ހަދަމުންނެވެ.

ކޯވިޑަށް ޕޮޒިޓިވްވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލި ކޮންޓްރޯލްކުރުމަށް މާސްކަށް ރައްކާތެރިވެ ބޭރުގައި އުޅޭ ވަގުތުތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށާއި އެމީހެއްގެ ކޮންޓެކްޓް ބަބަލްކުޑަކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ޚާއްސަކޮށް ބަލީގައި ބޮޑުވަރުވުން ކުޑަކުރިމަށްޓަކައި މިދަނޑިވަޅުައި ވެކްސިން ޖައްސަވާށެވެ. ވީ އެންމެ އަވަހަކަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖައްސަވާ ތިމާއާއި ތިމާގެ އާއިލާ ރައްކާތެރި ކޮށްދެއްވާށެވެ. ސަރުކާރުން މިވަނީ ވެކްސިން ޖެހޭ ހުރިހާ އުމުރުފުރައިގެން މީހުންނަށް ބޭނުންވާވަރަށް ވެކްސިން ހޯއްދަވާ ދެއްވާފައެވެ. ފުރުޞަތުގެ ބޭނުން އަވަހަށް ހިއްޕަވާށެވެ.