ވިޔަފާރި

ހުޅުމާލޭގައި ކުރިއަރަމުން އަންނަ ބައިސްކަލުގެ ވިޔަފާރި


ބައިސްކަލަކީ އަބަދުވެސް
ތިމާވެއްޓާއި ރައްޓެހި އުޅަނދެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަންނަ އެއްޗެކެވެ.
އެއީ އިންޖީނުލީ އުޅަނދަކަށް ނުވާތީއެވެ. ބައިސްކަލަކީ އިޤްތިޞާދީ ގޮތުން
ބަލާއިރުވެސް ބޭނުންކުރުމުގައި ޚަރަދު ކުޑަ އެއްޗެކެވެ. ނަމަވެސް ހުޅުމާލެއިން
ޢާންމުކޮށް މިހާރު ފެންނަ ބައިސްކަލަކީ ތަފާތު އެއްޗެކެވެ. އެކަކަށްވުރެ ގިނަ
މީހުން ބޭނުންކުރަން ކުއްޔަށް ދޫކުރާ ބައިސްކަލަކީ ވިޔަފާރީގެ ގޮތުން ބަލާއިރު
ހުޅުމާލޭގައި އެންމެ ޑިމާންޑް ބޮޑު ބައިސްކަލެވެ.



ހަފްތާ ބަންދު ދުވަސްތަކުގައި
ނުވަތަ ޗުއްޓީ ދުވަހެއްގައި ހުޅުމާލޭގެ އެކި ތަންތަނުން އެކިއިރު ފެންނަނީ
ޢާއިލާގެ ކުދިބޮޑު މީހުންނާއި ރައްޓެހިންނާއެކު މި ބައިސްކަލު ދުއްވާލާ މަންޒަރެވެ.



މި ބައިސްކަލް ފުރަތަމަ
ހުޅުމާލެއަށް ތަޢާރަފްކުރީ ޗައިނާގެ ބަޔަކެވެ. ވިޔަފާރިއެއްގެ ގޮތުގައި
މިމަސައްކަތް ހުޅުމާލޭގައި ކުރަމުން އަންނަ ޕްރޯ އެކްސްކާރޝަން މޯލްޑިވްސްގެ
ފަރާތުން ޕީއެސްއެމްއާ ވާހަކަދެއްކި އިސްމާޢީލް ބުނީ، ޗައިނާ މީހުން އަތުން މި
ބައިސްކަލަތައް ގަނެގެން މިވިޔަފާރި ފެށި ފަހުން ބައިސްކަލުތަކުގެ ޑިމާންޑް ބޮޑު
ކަމަށެވެ.



ކޮންމެ ހަފްތާ ބަންދެއްގައި
ގިނަބަޔަކު ހުޅުމާލެއަށް ދާއިރު، މި ބައިސްކަލްތަކުގެ ޚިދުމަތް ހޯދަން
ދިވެހިންނެކޭ އެއްވަރަކަށް ގިނަ ފަތުރުވެރިންވެސް ކިޔޫގައި ތިބެއެވެ. އަދި އާ
އަހަރުގެ ބަންދާ ދިމާކޮށް ހުޅުމާލޭއަށް ޒިޔާރަތްކޮށްފައިވާ ގިނަ ފަތުރުވެރިންވެސް
މުޅި ހުޅުމާލެ ބަލާލުމަށް މި ބައިސްކަލުގެ ބޭނުން ހިފައެވެ.



ހެނދުނު ހަތްގަޑި ތިރީހުން
ރޭގަނޑު ދިހަގަޑިތިރީހާއި ހަމައަށް މި ބައިސްކަލްގެ ޚިދުމަތްދެއެވެ. ޖުމްލަ ސާދަ
ބައިސްކަލުން މި ޚިދުމަތްދޭ އެ ކުންފުނިން މި ޚިދުމަތް ފުޅާ ކުރުމަށް ނިންމާފައި
ވާއިރު، ބައިސްކަލް ކުއްޔަށްދޭ އަގުތައްވެސް އެހާ ބޮޑެއް ނޫނެވެ. ހަތަރު މީހުންނަށް ދުއްވާލެވޭ
ބައިސްކަލް ކުއްޔަށް ދެނީ ގަޑި އަކަށް 150 ރުފިޔާއަށެވެ. ދެ މީހުންނަށް ދުއްވާލެވޭ ބައިސްކަލް
ކުއްޔަށް ދެނީ ގަޑިއަކަށް 100 ރުފިޔާއަށެވެ.



އެހެންކަމުން ދުވާލެއްގެ މައްޗަށް
އެވްރެޖްކޮށް 2000 ރުފިޔާ މި ވިޔަފާރިން އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބެއެވެ.
މިހާރު ހުޅުމާލޭގައި މި ވިޔަފާރި ދެކުންފުންޏަކުން ދަނީ ކުރަމުންނެވެ. ކުރިއަށް
އޮތް ތަނުގައި އާބާދީ އިތުރުވާނެ ހުޅުމާލެއަކީ ލޯކަލް ޓުއަރިޒަމްވެސް ފުޅާ
ދާއިރާއެއްގައި ކުރިއަރަމުން އަންނަ ތަނަކަށް ވުމުން މިފަދަ ވިޔަފާރިއަކީ ފައިދާ
ބޮޑު ވިޔަފާރިއެއް ކަމަށް ދެންނެވިދާނެއެވެ.