ވިޔަފާރި

ރޯދައަށް، މިފްކޯއިން ދަޅުމަހުގެ އިތުރު ދެ އުފެއްދުމެއް ބާޒާރަށް ނެރެނީ


ރޯދަމަހަށް ޚާއްސަކޮށްގެން ދަޅުމަހުގެ އިތުރު ދެ އުފެއްދުމެއް ބާޒާރަށް ނެރެން ނިންމާފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. ރޯދަމަހަކީ މިފްކޯގެ އުފެއްދުންތަކަށް ޑިމާންޑު ބޮޑުވާ މަހެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ރޯދަމަހަށް ދުރާލައި މިފްކޯއިން މިކަމަށް ތައްޔާރުވެއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަަވަމުން މިފްކ÷ޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަން ވަރަށް އަވަހަށް ފަށާނެ ކަމަށާ، މިފްކޯގެ އުފެއްދުންތައް ހުސްނުވެ، ލިބެން ހުންނާނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށެވެ.

"މި ރޯދަމަސް ފަށާނީ އިތުރު ދެ ޕްރޮޑަކްޓާއެކު، ވަރަށް އަވަހަށް ރޯދަމަހުގެ ޕްރޮމޯޝަން ފަށާނަން، އުންމީދުކުރަނީ ކަސްޓަމަރުންނަށް، ކުރީ އަހަރަށް ބަލާއިރު، މިއަހަރު އިތުރަށް ފަސޭހަކޮށް ލިބިގެންދާނެކަމަށް، އަދި ޕްރޮޓަކްސްޓްތައް ހުސްނުވެ ފިހާރަަތަކުގައި ބަހައްޓާނަން،" އިސްމާޢީލް ވިދާޅުވިއެވެ.

ރޯދަމަސް ފެށެން ކުރިއަށް އޮތީ 70 ވަރަކަށް ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ދިމާކޮށް މިފްކޯއިން ޚާއްސަ ޕްރޮމޯޝަނެއް ބާއްވައެވެ. އަދި އިތުރު އުފެއްދުންތަށްވެސް ބާޒާރަށް ނެރެއެވެ.
މިދިޔަ މަސްވެރިންގެ ދުވަހުވެސް މިފްކޯއިން ވަނީ އިތުރު އުފެއްދުންތަކެއް ބާޒާރަށް ނެރެފައެވެ. އެގޮތުން ޒައިތޫނި ތެލުގައި ބަނޑައިދޫ، ކުޅި ލުނބޯ، ފެނުގައި ބަންދުކޮށްފައިވާ މަސް، ޓޫނާ ސްޕްރެޑް، ޓޫނާ އަސާރަ އަދި ވަގުތުން ކާލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ސްޕެގެޓީވަނީ ބާޒާރަށް ނެރެފައެވެ.