ޚަބަރު

ބަންގްލަދޭޝްގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުޅުއްވައިފި


ދެއަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝްގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ހުޅުއްވައިފިއެވެ.ބަންގްލަދޭޝްގެ ޚާރިޖިއްޔާއިން މިކަމާބެހޭގޮތުން ނެރުއްވި ބަޔާނުގައިވާ ގޮތުން، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ޢަބުލްޙަސަން މަޙްމޫދު ޢަލީ ވަނީ، ދިވެހިސަރުކާރުން ބަންގްލަދޭޝަށް ކަނޑައެޅުއްވި ސަފީރު، ޑރ.މުޙައްމަދު އާސިމްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ، ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށާއި ޑޮކްޓަރުންނަށް ރާއްޖެއިން ވަޒީފާދޭ މިންވަރު އިތުރު ކުރައްވާނޭކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިންނާއި ރާއްޖެއާއެކު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ހައިކޮމިޝަން އަލުން ހުޅުވިގެން ދިއުމުން، ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނޭކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ހައިކޮމިޝަން ހުޅުވުމުން އެކަމަށް މަރުޙަބާ ވިދާޅުވެ ދިވެހި ސަރުކާރަށް ޝުކުރު ދަންނަވާފައިވެއެވެ.ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ބަންދުކުރީ 2014 ވަނަ އަހަރުގެ މާޗް މަހު، ބަޖެޓަށް ގެނައި ބަދަލާއި ގުޅިގެން ސަރުކާރަށް ކުރިމަތިވި ތާށިކަމާއި ހެދިއެވެ. ހައިކޮމިޝަން އަލުން ހުޅުވަން ސަރުކާރުން ނިންމެވީ، މިދިޔަ އަހަރު ބަންގްލަދޭޝްގެ ޚާރިޖީ އިސްވެރިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހި ޚާރިޖީ ވަޒީރު ދުންޔާ މައްމޫނާއި އެކު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.