ވިޔަފާރި

ސަވާދީއްތަ ދަތުރަށް އަންނަ މަހުގެ 3ގައި ފުރަނީ


ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" އަންނަ މަހުގެ 3ވަނަ ދުވަހު ފަށާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ސަވާދީއްތަ ދަތުރު ކުރޮއަށްގެންދަނީ މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ ފަރާތުންނެވެ. މިއީ އައު ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޔޮޓް ރެލީ ކުރޮއަށްދާނީ އަންނަ މަހުގެ 3ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތަކަށެވެ. މި ރެލީގައި ރާއްޖޭގެ އުތުރުން، ހއ އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކާއި 4 ފަޅުރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި 6 ތަނަކަށް މަޑުކުރާނެއެވެ. އަދި ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔޮޓް ރެލީއެކެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތަށް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ޤަސްތުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުން، ބައިވެރިންނަށް ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ރީތިކަމާއި ސާދާ ދިރިއުޅުން އަދި ތާރީޚާއި ސަޤާފަތް ދައްކުވައިދޭނެ ގޮތަކަށެވެ.

މި ޔޮޓް ރެލީ ޚާއްސަ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ދިރިއުޅުއްވުމާއި، އެމަނިކުފާނުގެ ޖިހާދާއި ގުޅުންހުރި ކަންތައްތަކަށެވެ. މިދަތުރަށް "ސަވާދީއްތަ ދަތުރު" ގެ ނަން ދެވިފައިވަނީވެސް އެ މަހާރަދުންގެ ނަންފުޅާއި ގުޅުވައިގެން ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.