ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި ކެނެޑާގައި ނެޓްފްލިކްސްގެ ފީ ބޮޑުކޮށްފި


އެމެރިކާއާއި ކެނެޑާގައި ނެޓްފްލިކްސްގެ ކަސްޓަމަރުން ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން އެކުންފުނިން ނިންމައިފިއެވެ.

އޮންލައިންކޮށް ފިލްމާއި ސީރީސްތައް ބަލަން ބޭނުންކުރާ، ނެޓްފްލިކްސްއިން ވަނީ އެމެރިކާއާއި ކެެނެޑާއަށް އެކުންފުނިން ދޭ، ހުރިހާ ޕްލޭނަކުން އެއް ޑޮލަރާއި ދެ ޑޮލަރާ ދެމެދަށް އަގު ބޮޑުކުރުމަށް ނިންމާފައެވެ. އެގޮތުން އެމެރިކާގައި، ނެޓްފްލިކްސްގެ ސްޓޭންޑަޑު ޕްލޭންއެއްގެ އަގުވަނީ 15.49 ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި ބޭސިކް ޕްލޭންޓެއްގެ އަގު 9.99 ޑޮލަރށް ބޮޑުކޮށްފައިވާއިރު، ޕްރިމިއަމް ޕްލޭންގެ އަގުވަނީ 19.99 ޑޮލަރަށް ބޮޑުކޮށްފައެވެ.

ކެނެޑާއަށް ބަލާއިރު، ސްޓޭންޑެޑް ޕްލޭނެއްގެ އަގު 16.49 ޑޮލަރަށް ބޮޑުކޮށްފައިވާއިރު، ޕްރިމިއަމް ޕްލޭންގެ އަގުވަނީ 20.99 ޑޮލަރަށް ބޮޑުކޮށްފައެވެ. ބޭސިކް ޕްލޭންގެ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ނެޓްފްލިކްސްއިން ބުނީ އަގުތަށް ބޮޑުކުރުމަށް ނިންމީ ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ. އެމެރިކާ އަދި ކެނެޑާގެ ނެޓްފްލިކްސްގެ އަގުތަށް ބޮޑުކޮށްފައިވާއިރު، އެކުންފުނިންދަނީ ތަފާތު އެކި ކަހަލަ ކޮންޓެންޓުތަށް ނެޓްފްލިކްސްގެ ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ބޮޑެތި ޚަރަދުތަށް ކުރަމުންނެވެ.

އެހެން ކަމުން އަގުތަށް ބޮޑު ކުރުމުގެ އެއް ބޭނުމަކީ ކުންފުނީގެ އާމްދަނީ އިތުރުކުރުން ކަމަށް އިޤްތިސާދު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ނެޓްފްލިކްސްގެ ޖުމްލަ ސަބްސްކްރައިބަރުންގެ އަދަދު 213.5 މިލިއަނަށް އަރައެވެ. މީގެތެރެއިން 74 މިލިއަން ސަބްސްކްރައިބަރުންން ނިސްބަތްވަނީ އެމެރިކާ އަދި ކެނެޑާއަށެވެ.