ޚަބަރު

ރައީސް ޔާމިން، ތައިލެންޑުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތައިލެންޑަށް
ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު، ޕްރާޔޮތު ޗާން އޮޗާއާ
ބައްދަލުކުރައްވައިފިއެވެ.



މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ތައިލެންޑުގެ ގަވަރމަންޓް
ހައުސްގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ތައިލެންޑުގެ
ބޮޑުވަޒީރު، ރާއްޖެއާއި ތައިލެންޑުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކި
ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ.



މިގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުންވެސް އެއްޤައުމު އަނެއް
ޤައުމަށް އެއްބާރުލުން ދިނުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.



ރައީސުލްޖުމްހޫރިއްޔާ މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި،
ދެޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް
ވަރުގަދަކުރުމުގެ ގޮތުން ތައިލެންޑަށް ރާއްޖެއިން ދަތުރުފަތުރު ކުރުމުގައާއި ވިސާ
ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމަށްޓަކައި އެއްބަސްވުމެއްގައި
ސޮއިކުރައްވަން ރާއްޖެއިން ޝައުގުވެރިވާކަން ތައިލެންޑުގެ ބޮޑުވަޒީރާއި ޙިއްޞާ
ކުރެއްވިއެވެ.