ރިޕޯޓް

އިންތިޚާބުތަކަށް އޮންލައިން އެޕްލިކޭޝަނެއް ތަޢާރަފްކުރަނީ


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރައްވަން ނިންމަވައިފިއެވެ.އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީގައި ބޭއްވުމަށް އެ ކޮމިޝަނުން ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ލޯކަލް  ކައުންސިލް އިންތިޚާބުގެ ތައްޔާރީތަކުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށްޓައިވާފައެވެ. މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ އިންތިޚާބުތަކަށް ބޮޑު އިންޤިލާބެއް ގެނުވާނެ އިންތިޚާބަކަށް ވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލުމަށް ޒަމާނީ ބައެއް ޓެކްނޮލަޖީތައް ތަޢާރާފް ކުރައްވާނެކަމުގެ ފެހި ސިގްނަލް މިހާރުވެސް އިލެކްޝަން ކޮމިޝަނުން ވަނީ ދެއްވާފައެވެ. ހަމަ މިއާއެކު އިންތިޚާބަށް ކުރިމަތިލުމާއި ވޯޓުލާން ރަޖިސްޓްރީ ކުރުމާއި ވޯޓް އޮބްޒާވްކުރުމުގައި މިހާރު ގެންގުޅުއްވާ ގޮތްތަކަށްވެސް ބޮޑެތި ބަދަލްތަކެއް ލޯކަލް ކައުންސިލް އިންތިޚާބާއި ހަމައިން އަންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރައްވައެވެ.އަންނަ އިންތިޚާބަށް ކޮމިޝަނުން ގެންނަވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ކައުންސިލްތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެމީހަކު ހުރި ރަށެއްގައި ހުރެގެން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ހުށައެޅޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމެވެ.  މި ބަދަލާއިއެކު ފޯމު ހޯދައި ފޯމްތައް ފުރިހަމަކޮށް، ކުރަންޖެހޭ ކަރުދާހުގެ މަސައްކަތްތައް ބަދަލުވެގެންދާނެއެވެ. އަދި ކުރިމަތިލާ ފަރާތަކަށް އެމީހެއްގެ ކެނޑިޑެސީ ޤަބޫލުކުރިކަން އަންގައިދޭ ލިޔުން ދޫކުރައްވަމުން ގެންދަވާ އުޞޫލްތަކަށް ބަދަލު އައިސް ފަސޭހަވެގެންދާނެއެވެ. ހަމަ މިއާއެކު ވޯޓަށް ރީ ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތަކުން މިހާތަނަށް އުފަލަމުން އައި ބައެއް ތަކްލީފްތަކަށްވެސް އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި ހަމައައިން ލުއިތަކެއް ލިބިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ނިމިދިޔަ އިންތިޚާބްތަކުގައި ވޯޓަށް ރީ ރަޖިސްޓްރީވުމަށް ފޯމު ހިފައިގެން ދިގު ކިޔުތަކުގައި އެތައް އިރެއްވަންދެން ކޮޅަށް ތިބެންޖެހި ބައެއް ހަމަނުޖެހުތައްވެސް ހިނގާފައިވެއެވެ. އަދި ޕާޓީތަކާއި ރައްޓެހިންނަށް އިތުބާރު ނުކުރެވި، ކަމާއި ކަންފަށާ ދަތުރު ހަދައިގެން ފޯމްތައް ހުށައެޅުމަށް އަމިއްލައަށް ދިޔަ އެތައް ބަޔަކުވެސް ނިމިދިޔަ އިންތިޚާބުތަކުގައި ތިބިކަން ފާހަގަކޮށްލަންޖެހެއެވެ. އަލަށް ގެނެވޭ މި ބަދަލާއިއެކު މިކަންކަން ނިމުމަކަށް އަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙުމަދު އަކްރަމް ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ވެގެންދަނީ ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަށް ބޮޑު އިންޤިލާބެއް ގެނުވާނެ އިންތިޚާބެއްކަމަށެވެ. އިންތިޚާބަށް އާ އެތައް ކަމެއް ތަޢާރަފު ކުރެވިގެންދާއިރު މިހާތަނަށް ކުރަމުން އައި ޚަރަދުތައްވެސް އެތައް ގުނައަކުން ކުޑަވެގެންދާނެކަން އަކްރަމް ފާހަގަކުރެއްވިއެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކާއި ވޯޓްލާ ފަރާތްތަކުގެ އިތުރުން އިންތިޚާބުތައް މޮނިޓަރކުރާ ފަރާތަކުން ކޮންމެ އިންތިޚާބަކާއި ދިމާކޮށް ފާސް ހޯދުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައްވެސް ދެން އޮތް އިންތިޚާބާއި ހަމައިން ބަދަލްވެގެންދާނެއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މޮނިޓަރކުރާ ފަރާތަކަށް ކޮންމެ އިންތިޚާބަކަށް ފާސް ހައްދަން ނުޖެހި އަހަރަކަށް ބޭނުންކުރެވޭ ފާހެއް ދެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށެވެ. އިންތިޚާބަށް ގެނެވޭ މުހިއްމު ބަދަލުތަކުގެ ތަފްޞީލުތައް ވަރަށް އަވަހަށް ޢާއްމުކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.އަންނަ ލޯކަލް ކައުންސިލް އިންތިޚާބްގެ އިދާރީ ކަންކަމަށް ބަދަލަތައް އައިސް  ތާރީޚުގެ ތެރެއަށް ވަދެގެންދާއިރު އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ދައުލަތުގެ ބަޖެޓުން މިހާތަނަށް ކައުންސިލަރުންނަށް ކުރައްވަމުން ގެންދަވާ ހޭދައިން އެތައް މިލަޔަން ރުފިޔާއެއް ކުޑަވެގެންދާނެއެވެ.