ޚަބަރު

ކާމިޔާބު ހާރިޖީ ސިޔާސަތާއެކު ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓް ދިވެހިންގެ އަތުގައި!


ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގެންގުޅޭ ގައުމުގެ މަގާމު މިއަހަރުވެސް ރާއްޖެއިން ހޯދައިފިއެވެ.

ޕާސްޕޯޓް ބޭނުންކޮށްގެން ވީޒާ ނެތި ނުވަތަ ފަސޭހަކަމާއިއެކު ވަދެވޭ ޤައުމުތަކުގެ ނިސްބަތަށް ބަލައިގެން، ނެރޭ ހެންލީ ޕާސްޕޯޓު އިންޑެކްސްގެ މިއަހަރުގެ ލިސްޓުގައިވެސް ރާއްޖެ އޮތީ ދެކުނު އޭޝިއާގެ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތަކުގެ ލިސްޓަކީ ހެންލީ ޕާސްޕޯޓް އިންޑެކްސްއިން އާއްމުކުރާ ލިސްޓެކެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ މައި ޖަމުއިއްޔާ، އަޔާޓާގެ މައުލޫމާތުތަކުގެ މައްޗަށް ރިޔާއަތްކޮށް ނެރޭ މި ލިސްޓުގައި ޕާސްޕޯޓެއްގެ ބާރުގަދަކަން ކަނޑައަޅަނީ އެ ޕާސްޕޯޓަކާއެކު ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދުންނެވެ.

190 އެއްހާ ގައުމު ހިމެނޭ މިލިސްޓުގެ ދުނިޔޭގެ ރޭކިންގައި މިއަހަރު ރާއްޖެއަށް 58 ވަނަ ލިބުނުއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 6 ދަރަޖައިގެ ކުރިއެރުމެކެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގައިވާ މައުލޫމާތުތަކުގައިވާ ގޮތުން ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވީޒާ ނުނަގައި 88 ގައުމަކަށް ދަތުރުކުރެވެއެވެ.

މިލިސްޓުގެ 58 ވަނަ ރާއްޖެއަށް ލިބޭއިރު، މިސަރަހައްދުގެ ގައުމުތަކުން ރާއްޖެއާ އެންމެ ގާތުން ވާދަކުރާ ގައުމަކަށް އޮތީ ލިސްޓުގެ 84 ވަނައިގައި އޮތް އިންޑިއާއެވެ. ބޫޓާން 90 ވަނާގައި އޮތްއިރު މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުލުގައި މިފަހަރުވެސް އޮތީ އަފްޤާނިސްތާނެއެވެ.

ދިވެހި ޕާސްޕޯޓު ބޭނުންކޮށްގެން ވީޒާ ނުލާ ދަތުރުކުރެވޭ ޤައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ޗައިނާއެވެ. އެގޮތުން ޗައިނާގައި މިހާރު ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައުމާއިއެކު ދިވެހިންނަށް ޗައިނާއަށް ވިސާ ނުލާ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން މިއަހަރުން ފެށިގެން ތަޖިކިސްތާނަށްވެސް ވީޒާ ނުލާ ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މިދިޔަ 3 އަހަރު ތެރޭގައި ވަނީ ވިނަ ގައުމުތަކަކަށް ދިވެހިންނަށް ވީޒާއާ ނުލާ ދަތުރުކުރެވޭނެ އިންތިޒާމް ފޮރިން މިނިސްޓްރީން ކުރެއްވި މަސައްކަތުން ހަމަޖެހިގެން ގޮސްފައެވެ.

88 ގައުމަކަށް ވީޒާ ނުނަގައި ދިވެހި ޕާސްޕޯޓްގައި ދަތުރުކުރެވޭއިރު، މިއީ ގައުމުތަކާއި އޮންނަ ގުޅުން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ނަތީޖާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

2018 ވަނަ އަހަރު ނޮވެމްބަރު މަހު 17 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ އިސްކަމެއް ދެއްވި އެއް މަސައްކަތްޕުޅަކީ ދުނިޔެއާއި ބީރައްޓެހި، އެކަހެރި ވެފައި އޮތް ހާރިޖީ ސިޔާސަތު ނިމުމަކަށް ގެނެސް، ރާއްޖޭގެ ޙާރިޖީ ސިޔާސަތު ހަރުދަނާކޮށް ބޭރު ޤައުމުތަކާއެކު ގުޅުންތައް ބަދަހިކޮށް ވަރުގަދަ ކުރުމެވެ.

މިމަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ކާމިޔާބީތަކެއްް ހާރިޖީ ދާއިރާއިން ހޯދާފައިވާއިރު، ބާރުގަދަ ޕާސްޕޯޓެއް ދިވެހިންގެ އަތުގައި އޮތުމަކީ އެ ކާމިޔާބީ ރަމްޒުކޮށްދޭ ހެއްކެކެވެ.

ރާއްޖެއަކީ ކުޑަ ގައުމެއްނަމަވެސް ބައިނަލްއަގްވާމީ މައިދާނުގައި އެހެން ގައުމުތަކާއި ފައިހަމަކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ވޭތުވެދިޔަ 3 އަހަރުތެރޭގައި ވަނީ ފެނިފައެވެ. އ.ދ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ މަޤާމުވެސް މިވަގުތު ބަލަހައްޓަވަމުން ގެންދަވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ. މިއީ ދިވެއްސަކު އދގެ މިފަދަ އިސް މަގާމެއް އަދާކުރައްވާ ފުރަތަމަ ފަހަރަށްވާއިރު، މިއީވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގައި ދިވެހި ސަރުކާރުގެ ޙާރިޖީ ސިޔާސަތު ބަލައިގެންފައިވާކަމުގެ ހެއްކެއްކަމަށް ހާރިޖީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާއެވެ.

ސަރުކާރުން ގަބޫލުކުރާގޮތުގައި ކުރިން ރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި އޮތުމުގެ ސަބަބުން، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ލިބެން ހުރި، އެތައް މަންފާތަކަކާއި އެތައް އެހީތަކެއް ލިބުމަށް ހުރަސްތައް އޮތީ އެޅިފައެވެ. ނަމަވެސް ޚާރިޖީ ގުޅުންތައް މިހާރު ބަދަހިވަމުން އަންނަކަމަށާއި، އެކަމުގެ ފައިދާ ވެސް ދިވެހި ރައްޔިތުންނަށް ލިބެމުންދާކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

އަދުގެ ސަރުކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދުގެ ފިކުރިއްޔާތާއި، މިޒަމާނުގެ ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ، މިނިވަން މުސްތަޤިއްލު ޤައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖްތަމަޢުކަމަށްވާއިރު، ދިވެހިރާއްޖެއަކީވެސް އެ މުޖްތަމަޢުގައި ހިމެނޭ ޢާއިލާއެއް ނުވަތަ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއް ގޭބިސީއެވެ. ނަމަވެސް ޤައުމުތަކާއެކު ޚާރިޖީ ގުޅުން ހަރުދަނާކުރަނީ އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކޮށްގެން، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއެކު ކަމުގެ ޔަގީންކަން ސަރުކާރުން ރައްޔިތުންނަށް އަރުވައެވެ...