ޚަބަރު

ކޯވިޑް ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސް އިލްތިމާސްކުރައްވައިފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ހުރިހާ ރައްޔިތުން ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން އިލްތިމާސްކުރައްވާފައިވާއިރު މިއަދުވަނީ ބޫސްޓަރ ޑޯޒް ޢާއްމުކޮށް ހުޅުވާލައިގެން ޖަހަން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޯވިޑްގެ އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް އަޅަން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބޫސްޓަރ ޑޯޒް ކަމަށެވެ. އެހެންކަމުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށް 6 މަސް ފުރިހަމަވެފައިވާ ފަރާތްތަކުން އަވަހަށް ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.

އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ޖަހަން ހުކުރު ދުވަހު ހުޅުވާލިނަމަވެސް ވެކްސިންގެ ބޫސްޓަރ ޑޯޒް ޢާއްމުނަށް ޖަހަން ފެށީ މިއަދުއެވެ. ކޯވިޑުން ދިފާޢުވުމަށް ހިންގާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ބޫސްޓަރ ޑޯޒް ޢާއްމުނަށް ޖަހަން ފެށީ ކޭސްތައް އިތުރުވެ ބަލީގެ އިތުރު ރާޅަކާ ކުރިމަތިލާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން ބޫސްޓަރ ޑޯޒް ޖަހައިދެމުން ގެންދިޔައީ ހަމައެކަނި ޚާއްސަ ކެޓަގަރީތަކަށް ނިސްބަތްވާ މީހުންނަށެވެ. އެގޮތުން ކޯވިޑްގެ ޙާލަތުގައި އިސް ސަފުގައި ޙަރަކާތްތެރިވާ މީހުންނަށާއި ބައްޔަކާ ގުޅިގެން ނުވަތަ ގުނަވަން ބަދަލުކުރުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށެވެ. އެހެންނަމަވެސް އެވްރެޖްކޮށް ދުވާލަކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 1000އާ ގާތްވުމުގެ ސަބަބުން އެޗްޕީއޭއިންވަނީ ބޫސްޓަރ ޑޯޒް ޖެހުމަށް ޢާއްމުނަށް ހުޅުވާލާފައެވެ. ވެކްސިންޖެހުމަށްBook.hpa.gov.mv މެދުވެރިކޮށް ރަޖިސްޓަރވާން ޖެހެއެވެ.

ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަރުބާރުގެއިންނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ނިސްބަތްވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވެފައިވަނީ ސްކޫލް ބަންދާ އަދި އާއަހަރާ ދިމާކޮށް ކުރިއަށްގެންދިޔަ އެކި އެއްވުންތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުނުވެވުމުގެ ސަބަބުންނެވެ. އެގޮތުން ޑިސެމްބަރު މަހުގެ ފަހު ހަފްތާއިން ފެށިގެން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ ކޮންމެ ދުވަހަކު އިތުރުވަމުންނެވެ. މިގޮތުން އެޗްޕީއޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށްބަލާއިރު ރާއްޖެއިން 900 އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި މީގެ ތެރެއިން 470އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަޙައްދުންނެވެ.

މިދުވަސްވަރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މާލެ ސަރަޙައްދުން އިތުރުވަމުންދާއިރު މާލެ ސަރަޙައްދުން ޓެސްޓު ކުރާ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ރަށްރަށުން ޗުއްޓީއާ ދިމާކޮށް މާލެއަށް ދަތުރުކުރި މީހުން އެނބުރި ރަށަށް ދިޔުމަށް ގިނަބަޔަކު އަންނަނީ ޕީސީއާރް ޓެސްޓު ހަދަމުންނެވެ. މިގޮތުން ސެނެހިޔާއާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި ހުޅުމާލޭ ރުއްގަނޑު ސަރަޙައްދުގައި ކަނޑައެޅޭ ގަޑިތަކުގައި ޕީސީއާރް ޓެސްޓުކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

ކޯވިޑަށް ޕޮޒިޓިވްވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލި ކޮންޓްރޯލްކުރުމަށް މާސްކަށް ރައްކާތެރިވެ ބޭރުގައި އުޅޭ ވަގުތުތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށާއި އެމީހެއްގެ ކޮންޓެކްޓް ބަބަލްކުޑަކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.