ސިޔާސީ

ސަރުކާރެއްގެ ހަޤީޤީ ބޭނުން އަންގައިދިނީ މި ސަރުކާރުން: ނައިބު ރައީސް


ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއްގެ ހަޤީޤީ ބޭނުން އަންގައިދިނީ އެމް.ޑީ.ޕީން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ށ. ފޯކައިދޫއަށް ވަޑައިގެން، އެރަށުގެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ފޯކައިދޫއަށް ވަޑައިގެންފައިވަނީ މިލަންދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ. ނައިބު ރައީސް ފޯކައިދޫއަށް ވަޑައިގެންނެވުމުން އެރަށު ބަނދަރު ސަރަޙައްދުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ފޯކައިދޫ ރައްޔިތުންގެ ފަރާތުން ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ރާޝީދުގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަތުމަށް ފޯކައިދޫއަށް ވަޑައިގެން، ފޯކައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ރައްޔިތުންނަށް ސަރުކާރެއް އޮތުމުގެ ހަޤީޤީ ބޭނުން އަންގައިދިނީ 2008 ގެ އެމް.ޑީ.ޕީ ސަރުކާރުންކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީ، އަތޮޅުތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ގެނެސްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަސާސްކަމަށްވާއިރު، އެކަންކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކޮށްދީފައިވާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަހަންކެރޭ ސަރުކާރެއްކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުން ވަރަށް ރަނގަޅަށް ހާމަކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ކޯވިޑް-19ގެ މި ދަތި ޙާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ މުޙިއްމު ޚިދުމަތްތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދާކަމަށެވެ.

ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ސަރުކާރުން ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސީޓީ ސްކޭނާއި، އެމް.އާރް.އައި އަދި އެކި ކަހަލަ ލެބް ޓެސްޓްތައް އަތޮޅުތަކުގައި ހެދޭ މިންވަރު އިތުރުކޮށް، ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރެއްވާފައެވެ.

މި ސަރުކާރަކީ ރައްޔިތުންނާއި ގާތް، ރައްޔިތުންނަށް އަޅާލާ ސަރުކާރެއްކަން ފާހަގަކުރައްވާ، ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ. އަދި ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލިސް މެންބަރުން މެދުވެރިކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުންކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.