ޚަބަރު

އުލިގަމު ރައްޔިތުން ޒަމާނީ ތަނަވަސް ބަނދަރެއްގެ އިންތިޒާރުގައި!


ތިލަދުންމަތީ އުތުރުބުރީ އުލިގަމަކީ ބިން ބޮޑު އިޤްތިޞާދީ ޙަރަކާތްތައް ގިނަ ރަށެކެވެ. އެރަށަކީ ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަރައި ފައިބާ ރަށެކެވެ. އެރަށަކީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ފަންގިވިނުމާއި އެހެނިހެން ވިޔަފާރިވެސް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.

އިޤްތިޞާދީ ޙަރަކާތްތަކާއެކުވެސް އެރަށުގެ ރައްޔިތުންނަށް އޮތް އެންމެބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަމެވެ. އެރަށު ބަނދަރުގެ ޖާގަ ކުޑަވުމަކީ އެރަށުގެ ރައްޔިތުންގެ އަބަދުވެސް ކުރާ އެއް ޝަކުވާއެވެ. ރަށުގައި ބަނދަރެއް އޮތަސް އެއީ ރާއްޖޭގެ ނިސްބަތުން އެންމެކުޑަ އެއް ބަނދަރެވެ.

ބޮޑުމިނުގައި 112 ހެކްޓަރު އޮންނަ ހއ.އުލިގަމަކީ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ގިނަ ޢަދަދެއްގެ ޔޮޓުތައް އެންމެ ގިނައިން ބަނދަރުކުރާ ރަށަކީ އުލިގަމެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެތައް ފަތުރުވެރިންނަށް އެރަށަށް އަރައި ފޭބުމުގައި އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ތަހަމައްލުކުރެއެވެ. އުލިގަމު ބަނދަރުގެ ބޮޑު މިނަކީ 100 ފޫޓު 300 ފޫޓެވެ. މި ބަނދަރަކީ އެންމެ ފުރިހަމައަށް ނުނިމި ބޭނުންކުރަމުން އަންނަ ބަނދަރެއްވެސް މެއެވެ. މިއީ ރާއްޖޭގެ ނިސްބަތުން އެންމެ ކުޑަ އެއް ބަނދަރެވެ. އާބާދީގައި 500އަށްވުރެ ގިނަމީހުން ދިރިއުޅޭ އުލިގަމު ބަނދަރުގައި އަތޮޅު ފެރީ ގާތްކުރުމަށާއި، އެރަށުގެ އޮޑިދޯނިފަހަރު އަޅާފައި އޮންނައިރު، އިތުރު އުޅަނދެއް ކައިރިކުރާނެ ތަންކޮޅެއްވެސް ނޯވެއެވެ. މިކަމުގެ ދަތިތަކާއި އެރަށު ރައްޔިތުން ތަހައްމަލުކުރާތާ ޒަމާންތަކެއް ވެއްޖެއެވެ.

އުލިގަމު ކައުންސިލްގެ ރައީސް އަޙްމަދު މުޢާޒް މުޙައްމަދު ވިދާޅުވީ އުލިގަމަކީ ޒަމާނުއްސުރެ ބޭރުގެ އުޅަނދުފަހަރު ޒިޔާރަތްކުރާ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިންވެސް ޒިޔާރަތްކުރާ ރަށެއްކަމަށެވެ. އެހެންކަމުން އެރަށު ބަނދަރަކީ ރަށުގެ އިޤްތިޞާދަށާއި އެނޫންވެސް ކަންކަމަށް ވަރަށް މުހިންމު ބަނދަރެއްކަމަށާއި މިހާރު އެރަށުގައި އޮތް ބަނދަރަކީ ރަށަށް އެކަށިގެންވާވަރަށްވުރެ މާކުޑަ ބަނދަރެއްކަމަށް މުޢާޒް ވިދާޅުވިއެވެ. އެހެންކަމުން އެރަށުގެ ބަނދަރުގެ މައްސަލައަށް ހައްލެއް ގެނައުމަކީ އެރަށުގެ ރައްޔިތުން ކުރާ އެންމެ ބޮޑު އުއްމީދުކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.

"ފެރީ ގާތްކުރަންވެސް ޚާއްޞަ ސަރަހައްދެއް ކަނޑައެޅިފައި ނުވަނީ ބަނދަރުގެ ކުޑަކަމުން. ބައެއް ހާލަތްތަކުގައި ފެރީ ކައިރިކުރަން ޖޭގަ ނެތިގެން އެހެން އުޅަނދުތައް މޫވްކޮށް ބައެއް އުޅަނދުތައް ނެރެންވެސް ޖެހޭ ފެރީގެ ޚިދުމަތް ދިނުމަށް. އެހެންކަމުން މި ބަނދަރުގެ ދަތިކަން ވަރަށް ބޮޑު." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އުލިގަމު ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ އެރަށުގައި ތަނަވަސް ބަނދަރެއް ތަރައްޤީކުރުމަށް ނިންމާފައެވެ. އެގޮތުން އުލިގަމު ބަނދަރު ބޮޑު ކުރުމަށާއި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މިއަހަރުގެ ބަޖެޓުގައި 8.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް 8.2 މިލިއަން ރުފިޔާ ބަޖެޓް ކުރުމަށް ޕްލޭންކޮށްފައިވެއެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ މިއަހަރުގެ މާރޗްމަހުގެ 24ގައި އުލިގަމު ބަނދަރު ބޮޑުކުރުމާއި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށެވެ. މިމަޝްރޫޢު މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުހަލާގައިކަމަށް ސަރުކާރުންވިދާޅުވެއެވެ.

ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ލަސްތަކެއްނުވެ ފެށިގެން ދިއުމަކީ އެރަށު ރައޔިތުންކުރާ އެންމެބޮޑު އުންމީދެވެ.