ވިޔަފާރި

އަހަރުގެ ފުރަތަމަ 12 ދުވަހު ބައިލައްކަ ފަތުރުވެރިން


މިއަހަރުގެ ފުރަތަމަ 12 ދުވަހު ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް އައިސްފިކަމަށަ، މިހާރު ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް އަންނަނީ ރަޝިއާ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ބާރަ ދުވަސްތެރޭ ރާއްޖެއަށްވަނީ ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މި މުއްދަތުގައި ރާއްޖެއަށް 55055 ފަތުރުވެރިން އައިސްފައިވާއިރު އެންމެ ގިނަ އާދަދަކަށް އައިސްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ.

ތަފާާސްހިސާބުތަށް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށްވަނީ 11007 ފަތުރުވެރިން އައިސްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށްއައި ޖުމްލަ ފަތުރުވެރިންގެ %20އެވެ. މިދިޔަ އަހަރު ނިމުނު އިރު ރަޝިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އާދަދަކަށް ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެވެ. އޭރު ރާއްޖެއަށް އެންމެ ގިނަ އާދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ އިންޑިއާއިންނެވެ.

މިހާރު އިންޑިއާއަކީ ރާއްޖެއަށް 4ވަނަ އަށް އެންމެ ގިނަ އާދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. މިއަހަރުގެ ފުރަތަމަ ބާރަ ދުވަހުގެތެރޭ އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 3075 ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަނީ އިޓަލީންނެވެ. އެޤައުމުން ރާއްޖެއަށް 4313 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4588 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ޢާއްމުގޮތެއްގައި 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.