ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ދެ ކޮމަންޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ރައީސުލްޖުމްހޫިރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް ށ.މަތިކޮމަނޑޫގެ ބިންހިއްކާ، ކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގައި މަތިކޮމަންޑުއިން 16.7 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކޮމަންޑޫ 200މީޓަރުގެ ބްރިޖަކުން ގުޅާލުން ހިމެނެއެވެ. މި މަޝްރޫޢުގެ ސަރުކާރުން ހަވާލުކުރައްވާފައިވަނީ އެމްޓީސީސީއާއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ނިސްބަތުން ބަލާއިރުވެސް ށ.އަތޮޅު ކޮމަންޑޫއަކީ ބިމުގެ ޖާގައިގެ ގޮތުން އެންމެ ކުޑަ އެއް ރަށެވެ. 9 ހެކްޓަރުގެ އެ ރަށުގެ އާބާދީ ބޮޑުވެ، މުޅި ރަށް ވަނީ މީހުން ދިރިއުޅުމަށް ގޯތި ދޫކޮށް ފުރިފައެވެ.

ކޮމަންޑޫގެ އާބާދީ 1900 އަށްވުރެ އިތުރުވިނަމަވެސް އެރަށުގައި ދިރިއުޅޭ އާބާދީ ވަރަށް ކުޑައެވެ. އެގޮތުން އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 600 މީހުންނެވެ. ބިމުގެ ޖާގަ ކުޑަވުމާއި، ރަށަށް އަންނަންޖެހޭ ތަރައްޤީ ނައިސް އޮތުމަކީ ރަށުގައި މީހުން އާބާދުވުމަށްވެސް އޮތް އެންމެ ބޮޑު ހުރަހެވެ.

ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް 2018ވަނަ އަހަރު މިރަށުން 10ހެކްޓަރުގެ ބިން އޭރުގެ ސަރުކާރުން ހިއްކިއެވެ. ނަމަވެސް ބިން އަދިވެސް އޮތީ އެތަނުން ގޯތި ދެވޭ ޙާލަތުގައެއް ނޫނެވެ. އެ ބިމުގައި މިހާތަނަށް ކުރިއަށްގެންދިޔަ ހަމައެކަނި މަސައްކަތަކީ، ރަށުގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތެވެ.

ރަށަށް ދިމާވެފައިވާ ބިމުގެ މައްސަލަ ޙައްލުކޮށް ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް އާމްދަނީ ހޯދޭނެ މަގު އިތުރަށް ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް މަސައްކަތްކުރުމަށް، ކޮމަންޑޫގެ އިޙުތިޞާސުގެ ތެރޭގައި އޮތް މަތިކޮމަންޑޫގެ ބިން ހިއްކާ، ކޮމަންޑުއާ މަތިކޮމަންޑޫ ގުޅާލުމުގެ ވަޢުދާ އެއްގޮތަށް އެ މަސައްކަތުގެ ޢަމަލީ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ. މިމަހުގެ 8 ވަނަ ދުވަހު ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް ވަޢުދުވެ ވަޑައިގެންނެވީ މަސައްކަތް 1 ހަފްތާގެ ތެރޭގައި ފެށުމަށެވެ.

މަތި ކޮމަންޑޫގެ ބިން ހިއްކާ، ދެ ކޮމަންޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިން މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަން ރަށަށް އިންތިހާއަށް ކުރިމަތިވެފައިވާކަމަށެވެ. ގެދޮރުގެ ދަތިކަން ދިމާވެ، އެތައް އާއިލާއެއް އެއް ގެއެއްގެ ތެރޭގައި ދިރިއުޅެން ޖެހިފައިވާކަމަށެވެ. އަދި ރަށަށް އުދައަރާ މައްސަލަ ހައްލުކުރުމަށް މި ޕްރޮޖެކްޓްގައި ހިމެނިގެން ދިއުމަކީވެސް ރަށުގެ ރައްޔިތުންގެ އެތަށް ޒަމާންވީ މައްސަލައަކަށް ޙައްލު ގެންނާނެ ކަމެއްކަމަށެވެ.

"ރަށުގެ ބިމުގެ ދަތިކަން ޙައްލުކޮށްދިނުމަށް އެތަށް ވެރިން ގާތު އާދޭސްކުރެވުނު. މިއަދު މި ފެށެނީ ރަށުގެ ތަރައްޤީގެ އާ ސަފުހާއެއް. ފުދުންތެރި ދިރިއުޅުމަކާ، އާމްދަނީ ލިބޭނެ މަގު ފަހިވެގެން މިދަނީ." ސިނާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ދެން ފެނިގެންދާނީ ހަލުވި މިނެެއްގައި، މަސައްކަތްތައް ކުރިއަށްގޮސް މަސައްކަތް ނިމެމުންދާތަންކަމަށެވެ. އާޒިމް ވިދާޅުވީ މިއީ އެމްޓީސީސީގެ ހަޔާތުގައި އެންމެ އަވަހަށް މަސައްކަތެއް ހަވާލުކޮށް، ސައިޓުގައި ޢަމަލީ މަސައްކަތްތައް ފެށިގެން ދިޔަ މަޝްރޫޢުކަމަށެވެ.

"މިއީ ސަރުކާރުން ކުރިން ޕްލޭންކޮށްފައިވާ ކަމަކަށްވާތީވެ، މާކުރިންވެސް އީއައިއޭގެ މަސައްކަތްތައް ފެށިފައިވާ މަސައްކަތެއް. ދެން އަވަސް މުސްތަޤްްބަލެއްގައި ފެނިގެންދާނީ މިތަނުން ހިނގާލާފައި ގޮސް ދެ ރަށް ހުރަސްކޮށްލާތަން." އާޒިމް ވިދާޅުވިއެވެ.

ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ގުޅާލާ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ.