ދުނިޔޭގެ ވިޔަފާރި

މިދިޔަ އަހަރުތެރޭ ޓެސްލާއިން 936000 އިލެކްޓްރިކް ކާރު ވިއްކި


މިދިޔަ އަހަރުތެރޭ ޓެސްލާއިން 936000 އިލެކްޓްރިކް ކާރު ވިއްކާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިއީ އިލެކްޓްރިކް ކާރު އުފެއްދުމުގައި ޓެސްލާއާއި އެންމެ ވާދަވެރި ކުންފުނިކަމުގައިވާ ވޯކްސްވާގަންއިން މި މުއްދަތުގައި ވިއްކާފައިވާ ކާރުގެ އަދަދާއި އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

ވޯކްސްވާގަންއިންވަނީ މިދިޔަ އަހަރުތެރޭ 452900 އިލެކްޓްރިކް ކާރު ޑެލިވަރކޮށްފައެވެ. 2020ވަނަ އެކުންފުނިން ޑެލިވަރކޮށްފައިވަނީ 220900 އިލެކްޓްރިކް ކާރެވެ. އެހެންކަމުން މިދިޔައަހަރު އެކުންފުނިން ވަނީ އިލެކްޓްރިކް ކާރު އުފައްދާ މިންވަރު ދެގުނައަށް އިތުރުކޮށްފައެވެ. އެހެން ނަމަވެސް މި އަދަދަކީ ޓެސްލާގެ އުފެއްދުންތެރިކަން ހުރި މިންވަރާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

ވޯކްސްވާގަންއިން ވަނީ އެކުންފުނިން އުފައްދާ އިލެކްޓްރިކް ކާރުތަކުގެ އަދަދު އިތުރުކުރުމަށް، ކުރިއަށްއޮތް 5 އަހަރުތެރޭ 100 ބިލިއަން ޑޮލަރު ޙަރަދުކުރުމަށް ނިންމާފައެވެ. ޖަރުމަންވިލާތުގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ވޯކްސްވާގަންއަކީ ޔޫރަޕްގެ ޤައުމުތަކަށް އެންމެ ގިނަ އަދަދަކަށް އިލެކްޓްރިކް ކާރު ވިއްކާ ކުންފުންޏެވެ. އަދި އެކުންފުނީގެ އަމާޒަކީ 2026ވަނަ އަހަރު އަންނަންވާއިރަށް އެކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކަށް ވިއްކާ ކާރުގެ 25 އިންސައްތައަކީ އިލެކްޓްރިކް ކާރުތައް ކަމުގައި ހެދުމެވެ.

ވޯކްސްވާގަންއިން ވަނީ ދާދިފަހުން އާ މޮޑެލްތަކުގެ އިލެކްޓްރިކް ކާރުތަކެއް ބާޒާރަށް ނެރެފައެވެ. އެހެން ނަމަވެސް ދުނިޔޭގެ ބާޒާރުގައި ސެމިކޮންޑަކްޓަރ ލިބުން ދަތިވުމުގެ ސަބަބުން މިދިޔަ އަހަރުތެރޭ ކާރު އުފައްދާ މިންވަރަށް އަސަރުތަކެއް ކުރިއެވެ. އެހެންނަމަވެސް ދަތިތަކާއި އެކުވެސް އިލެކްޓިކް ކާރު އުފައްދާ މިންވަރު ދެގުނައަށް އިތުރުވެގެން ދިޔުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.

ޓެސްލާއަށްވެސް ޗިޕްގެ ދަތިކަން ކުރިމަތިވީ ނަމަވެސް އެކުންފުނީގެ އުފެއްދުންތެރިކަމަށް މީގެ އަސަރުކޮށްފައިވަނީ ކުޑަ މިންވަރަކަށެވެ. އެގޮތުން ޓެސްލާއިން މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހުގެތެރޭ ވަނީ 308600 ކާރު ވިއްކާފައެވެ. މިއީ އަންދާޒާ ކުރި މިންވަރަށްވުރެވެސް ބޮޑު ކުރިއެރުމެކެވެ.

ޓެސްލާއިން ވަނީ އޮސްޓިން، ޓެކްސަސް އަދި ބަރލިންގައި އާ ފެކްޓަރީތަކެއް ހުޅުވުމަށް ނިންމާފައެވެ. މި ފެކްޓަރީތަކާއި އެކު އެފެއްދުންތެރިކަން 50 އިންސައްތަ އިތުރުވެގެންދާނެ ކަމަށް ޓެސްލާއިން ބުނެއެވެ.