ޚަބަރު

2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބޫސްޓަރ ޑޯޒް ޖެހުމަށް ހުޅުވާލައިފި


ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބޫސްޓަރ ޑޯޒް ޖެހުމަށް އެޗްޕީއޭއިން ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ‏ކޯވިޑް-19 ގެ ވެކްސިނެއްގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ވެފައިވާ 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ބޫސްޓަރ ޑޯޒްގެ ގޮތުގައި ދޭން ނިންމާފައިވަނީ ފައިޒަރ ވެކްސިންކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ބޫސްޓަރ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަންދާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނެތްކަން ކަށަވަރު ކުރުމަށާއި އޭގެއިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ބޫސްޓަރ ޖަހަން ފަށާފައި މިވަނީ، ކޯވިޑް އައު ވޭރިއެންޓް އޮމިކްރޮން ރާއްޖެއިން ފެނި، ކޯވިޑަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ސަރުކާރުން ވަނީ ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.