ޚަބަރު

2 ޓަރޝަރީ ހޮސްޕިޓަލް ޑިޒަންކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް ޢިއުލާންކޮށްފި


ރާއްޖޭގެ ދެ ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކުރުމުގެ މަސައްކަތްކުރަމުން އަންނަ ޓަރޝަރީ 2 ހޮސްޕިޓަލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ލާމަރުކަޒުކޮށް އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. މިއަމާޒަށް ވާޞިލުވުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން ހދ.ކުޅުދުއްފުށި ސިޓީއާއި ގދ.ތިނަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓަރޝަރީ ހޮސްޕިޓަލްތައް ޑިޒައިންކޮށް ކުރަހާއިދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އަނެއްކާވެސް ޢިއުލާންކޮށްފިއެވެ. 2020ވަނަ އަހަރު މިނިސްޓްރީ އޮފް ފިނޭންސްއިންވަނީ މިމަޝްރޫޢު ޑިޒައިން އެންޑް ބިޑް އުސޫލުން ބީލަމަށް ހުޅުވާލާފައެވެ. އެހެންނަމަވެސް އެޢިއުލާނާއެއްގޮތަށް ބީލަން ހުށައަޅާފައިވާ އަގުތައް ބޮޑުވުމުގެ ސަބަބުން ބީލަން ކެންސަލްކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު ހުޅުވާލީ ޑިޒައިން އަދި ޢިމާރާތްކުރުމުގެ މަސައްކަތް ވަކިންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަޝްރޫޢު ދެވަނަ ފަހަރަށް ހުޅުވާލާފައިމިވަނީ ހަމައެކަނި ޢިމާރާތް ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށެވެ. އަދި އަންނަ ހަފްތާގެ ބުދަ ދުވަހާ ހަމައަށް ރަޖިސްޓްރޭޝަން ފޯމް އީމެއިލްކުރުމަށް ހެލްތު މިނިސްޓްރީންވަނީ ހުޅުވާލާފައެވެ. ދެހޮސްޕިޓަލްގެ ޢިމާރާތް ޑިޒައިންކުރުމުގެ މަޝްރޫޢުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ވަނަ ދުވަހު ހެލްތު މިނިސްޓްރީގައެވެ.

ޓަރޝަރީ ހޮސްޕިޓަލްތަކުގެ އިތުރުން ފުވައްމުލައް ސިޓީގެ ހޮސްޕިޓަލާއި އދ.މަހިބަދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ޢިމާރާތް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ހެލްތު މިނިސްޓްރީއިންވަނީ ހުޅުވާޅާފައެވެ. އަދި ށ.ފޯކައިދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ށ.މަރޮށި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ހެލްތު މިނިސްޓްރީންވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަކީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާ 5 ހޮސްޕިޓަލަކީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލެވެ.