ވިޔަފާރި

ބިދޭސީ ސޭޓުން ބައިތިއްބައިގެން 62 ފިހާރައެއް ޖޫރިމަނާކޮށްފި


ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކެފޭ ފަދަ ތަންތަނުގައި ބިދޭސީ ސޭޓުން ތިބިތޯ ބައްލަވަން އިމިގްރޭޝަނުން ފެއްޓެވި ޚާއްޞަ އޮޕަރޭޝަންގެ ދަށުން ޤަވާޢިދާ ޚިލާފުވެފައިވާ 62 ފިހާރައެއް ޖޫރިމަނާކޮށްފިއެވެ.ބިދޭސީން ކައުންޓަރުތަކުގައި ތިބޭތޯ ބެލުމަށް ފެއްޓެވި ޚާއްޞަ މަސައްކަތުގައި އިއްޔެ 50 ފިހާރައެއް ޗެކްކުރައްވާފައިވާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން އިއްޔެ ޗެކްކުރި 50 ފިހާރައިގެ ތެރެއިން 31 ފިހާރައެއް ޖޫރިމަނާކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރައްވައެވެ. މި ފިހާރަތައް ޖޫރިމަނާ ކުރެއްވީ، 10,000 ރުފިޔާއިންނެވެ. އެގޮތުން މިފަހަރު 10,000 ރުފިޔާއިން ޖޫރިމަނާކުރެއްވި ނަމަވެސް ދެވަނަ ފަހަރަށް ޗެކްކުރައްވާއިރު، މި ފިހާރަތަކުގައި ސޭޓުންގެ ގޮތުގައި ބިދޭސީން ތިބޭނަމަ އެއަށްވުރެ ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރައްވާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.ޤަވާޢިދުގައިވާގޮތުން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ސޭޓުންނަށް ބިދޭސީން ނުބޭތިއްބޭ ގޮތަށް ސަރުކާރުން ހަމަޖެއްސެވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. މިކަމުގެ ބޭނުމަކީ ވަޒީފާ ނެތް ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމެވެ.