ވިޔަފާރި

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި "މަސްވެރިންގެ އެޕް" ބޭނުންކުރަން ފަށަނީ


މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި މިފްކޯގެ "މަސްވެރިންގެ އެޕް" ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯއިން ދަނީ އެކުންފުނިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އެކުންފުނިން ތައާރަފްކުރާ "މަސްވެރިންގެ އެޕް" މެދުވެރިކޮށް މަސްވެރިންނަށް ދޭ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. މިދިޔަ މަސްވެރިންގެ ދުވަހު ބޭއްވި ޙަރަކާތްތަކުގެތެރޭގައި މިފްކޯއިންވަނީ މި ސޮފްޓުވެއަރ ދައްކާލާފައެވެ.

"މަސްވެރިންނަށް ދެވޭ ޚިދުމަތްތައް، މަސް ކިރުމާއި، ތެޔޮ ދިނުމާއި، އަދި މަސްވެރިންނަށްދޭ އެހެނިހެން ޚިދުމަތްތައް އެއް ވިއުގައަކުން ހުރިހާ ސެންޓަރުތަކެއް ގުޅާލެވޭނެ." އިސްމާޢީލް ވިދާޅުވިއެވެ.

މި އެޕްލިކޭޝަނާއެކު މިފްކޯއިން މަސްވެރިނަށް ދޭންޖެހޭ ފައިސާއާއި މަސްވެރިން މިފްކޯއިން ހޯދާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިދާނެއެވެ.

މިހާރުވެސް މިފްކޯއިންދަނީ އެކުންފުންޏަށް ކިރާ މަހުގެ ފައިސާ އޮންލައިންކޮށް މަސްވެރިންނަށް ޖަމާކޮށްދެމުންނެވެ. އަދި މިއީ މަސްވެރިންނަށްވެސް އަދި މިފްކޯއަށްވެސް އޭގައި ފަސޭހަތަކެއް ހުރި ކަމެއްކަން އިސްމާޢީލް ފާހަގަކުރެއެވެ.

"ވީކެއްގެ ލާރި ކޮންމެ ސަންޑޭއެއްގައި މަސްވެރިންނަށް ޖަމާކޮށްދެން. އުންމީދަކީ އެޕްލިކޭޝަން ތަޢާރަފްވެގެން ދިޔުމުން މަސްވެރިންނަށް ދެވޭ ފައިސާއާއި ތަފްސީލްތައް މަސްވެރިންނަށް ފެންނަގޮތަށް ގާތުން ޚިދުމަތް ދިނުން. މިއަހަރަކީ ތަފާތުކޮށް މަސްވެރިންނަށް ޚިދުމަތްދެވޭނެ އަހަރެއް." އިސްމާޢީލް ވިދާޅުވިއެވެ.

އިސްމާޢީލް ވިދާޅުވީ އެކުންފުނީގެ ސެންޓަރުތަކުން މަސްވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަަށެވެ. އަދި މިއަހަރުގެތެރޭ މިކަމާގުޅޭ ގިނަ މަސައްކަތްތަކެއް ކުރާނެކަން އިސްމާޢީލް ފާހަގަކުރެއްވިއެވެ.