ޚަބަރު

އިތުރު 459 މީހަކު ކޯވިޑް ބޫސްޓަރ ޑޯޒް ޖަހައިފި


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 459 މީހަކު ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 459 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 233 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 226 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 28،544 އަށް އަރާފައެވެ.

މީގެއިތުރުން އަންގާރަ ދުވަހު 114 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 82 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 32 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 368،465 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަ ދުވަހު 37 މީހަކު ވަނީ ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 25 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 12 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 397،070 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް މިވަގުތު ބޫސްޓަރ ޑޯޒް ޖަހަމުން އަންނަނީ ވަކި ޚާއްސަ ކެޓަގަރީތަކަށް ނިސްބަތްވާ މީހުންއެކަންޏެވެ. އެހެންނަމަވެސް މިމަހުގެ މެދުތެރޭގައި ޢާއްމުނަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

މިވަގުތު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.