ޚަބަރު

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތްކުރާނީ އެމްޓީސީސީން


ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީއާ ދެމެދު ވަނީ ސޮއިކޮށްފައެވެ. ޕްލޭނިން މިނިސްތްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަންވަރު ޢަލީއެވެ. އެމްޓީސީސީން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ.

މި މަސައްކަތަކަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ތައްޔާރުކުރާނެއެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ކޮމަންޑޫއަކީ ބިން ފުރިފައިވާ ރަށަކަށްވުމުން މީގެ ކުރިން އެރަށު ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިންގާފައިވެއެވެ. ނަމަވެސް އެރަށަށް އެކި ފަހަރު މަތިން ރާޅުއަރައި ހިއްކާފައިވާ ސަރަޙައްދަށް ވަނީ ގެއްލުންވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކޮމަންޑޫގައި މިހާރު ޤާއިމްކޮށްފައިވާ ތޮށި މަރާމާތުކޮށް އެރަށުގެ ބިން ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދޭނޭނީ އިތުރަށް ބިން ހިއްކައިގެން ކަމަށްވާތީ މަތި ކޮމަންޑުއިން ބައެއް ހިއްކައި ދެރަށް ގުޅާލުމަށް ސްރުކާރުން ނިންމީއެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ.

މިމަހުގެ 7ވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަވާނެކަމަށް ވިދާޅުވެފައެވެ. ކޮމަންޑުއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވަޢުދެއްކަން ފާހަގަކުރައްވައި އެވަޢުދު ފުއްދުމަށްޓަކައި، މިފެށޭ ހަފްތާގައި މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހުކުރުދުވަހު ދެރަށް ގުޅާލުމުގެ ޢަމަލީ މަސައްކަތް ފަށާނެއެވެ.