ޚަބަރު

ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ކެމްޕެއިނުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ


ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ދިނުމުގެ ކެމްޕެއިންގައި މަސައްކަތް ކުރާނެ މީހުންނަށް ހެލްތް މިނިސްޓްރީން އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިމަހުގެ މެދުތެރޭގައި ޢާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާއިރު ހެލްތް މިނިސްޓްރީން މިހާރު ވަނީ އުޖޫރައާއެކު ވެކްސިން ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް އިޢުލާން ކޮށްފައެވެ.

އެގޮތުން އެމިނިސްޓްރީން ވަނީ 5 ދާއިރާއަކުން މަސައްކަތް ކުރާނެ 56 މީހަކު ހޯދަން އިޢުލާންކޮށްފައެވެ. މިގޮތުން ޕްރޮގްރާމް އެސިސްޓެންޓުންގެ ގޮތުގައި 32 މީހަކާއި 10 ވެކްސިނޭޓަރުންނާއި ފްލޯ މެނޭޖަރުންގެ ގޮތުގައި 6 މީހަކާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި 4 މީހަކާއި މެޑިކަލް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 4 މީހަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

މި މަގާމުތައް ތިން މަސް ދުވަހަށް ފުރަން ޖެހޭއިރު މީގެ ތެރެއިން ޕްރޮގްރާމް އެސިސްޓެންޓުންނާއި ފްލޯ މެނޭޖަރުންނާއި ސަޕޯޓް ސްޓާފުންނަށް ދޭން ނިންމާފައި ވަނީ މަހަކު 7500 ރުފިޔާއެވެ. އަދި ވެކްސިނޭޓަރުންނަށް މަހަކު 14،700 ރުފިޔާ ދޭން ނިންމާފައިވާއިރު މެޑިކަލް އޮފިސަރުންނަށް މަހަކު 24،240 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން މި މަހު 18 ވަނަ ދުވަހުގެ 14:00ގެ ކުރިން ލިޔެކިޔުންތަކާ އެކު އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމު ހުށަހަޅަން ޖެހެއެވެ.

މި މިޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެޑިކަލް އޮފިސަރުންގެ ޒިންމާ އަކީ ވެކްސިން ޖަހާ މީހުންގެ އޮބްޒާވްކުރުމާއި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެ މީހުންނަށް އެހީތެރިވުމެވެ. މެޑިކަލް އޮފިސަރުންނަށް ކުރިމަތިލެވޭނީ ބޭސިކް މެޑިކަލް ޑިގްރީއެއް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވާ އަދި ސިއްހީ ފަރުވާދިނުމުގެ ލައިންސެންސް އޮންނަ މީހަކަށްވެސް އެމީހަކު ވާންޖެހެއެވެ.

ވެކްސިނޭޓަރުންގެ ޒިންމާއަކީ ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން މީހުންނަށް ވެކްސިން ދިނުމެވެ. އެކަމަށް ކުރިމަތިލާއިރު ނާސިންގެ ޑިޕްލޮމާއެއް ނުވަތަ ޕްރައިމީ ހެލްތު ކެއާގެ ޑިޕްލޮމާއެއް އޮތުމާއެކު ސިއްހީ ފަރުވާދިނުމުގެ ލައިންސެންސް އޮންނަން ޖެހެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ކޮވެކްސް ފެސިލިޓީގެ ދަށުން، ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،000ޑޯޒް ވެކްސިން ވަނީ ހަދިޔާކޮށްފައެވެ. މި ވެކްސިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވެކްސިންގެ 3ވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް، ޢާއްމުކޮށް ހުޅުވާލައިގެން ދިނުމަށެވެ.

މި ވެކްސިން ރާއްޖެއަށް ލިބިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. ކޮވެކްސްގެ ދަށުން ޖުމްލަ، 100620 ވެކްސިން ޑޯޒް ރާއްޖެއަށްވަނީ ލިބިފައެވެ. ނަމަވެސް ޢާއްމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ދޭން ފެށިފައި ނުވަނީ، އެކަމަށް ބޭނުންވާ ސިރިންޖާ އެހެނިހެން ވަސީލަތްތައް ނެތުމުގެ ސަބަބުންކަމަށް އެޗްޕީއޭއިން މީގެކުރިން ވިދާޅުވެފައިވެއެވެ. ވެކްސިން ދިނުމަށް ބޭނުންވާ ސިރިންޖާއި އެހެނިހެން ސާމާނުގެ ދަތިކަން ދުނިޔޭގެ ގިނަ ޤައުމުތަކަކަށްވަނީ ކުރިމަތިވެފައެވެ.

ރާއްޖޭގައި މިހާތަނަށް ބޫސްޓަރ ޑޯޒް ދެމުން އައިސްފައިވަނީ ކޯވިޑްގެ ޙާލަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި ބަލީގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށެވެ. ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނީ، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު ވެކްސިން ޑޯޒްތަކުންނެވެ. މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުންނަށް ބޫސްޓަރ ޑޯޒް ދީފައިވެއެވެ.