ޚަބަރު

"ބަރްދާނަކީ ޤަބޫލުކުރައްވާ ފިކުރުގައި ސާބިތުވެ ހުންނެވި ބޭފުޅެއް"


ރޭގެ ވަގުތެއްގައި އަވަހާރަވީ
އިންޑިއާގެ ތަޖުރިބާކާރު ސިޔާސީ ލީޑަރެއް ކަމަށްވާ އޭ.ބީ. ބަރްދާނަކީ ،އޭނާ ޤަބޫލުކުރައްވާ
ފިކުރުގައި، ސާބިތުކަންމަތީ ދެމިހުންނެވި ބޭފުޅެއް ކަމަށާއި ބަރްދާނަކީ މުޖްތަމަޢު
އެކަހެރިކުރެވިފައިވާ ފަރާތްތަކުގެ ޙައްޤުގައި ގިނަ ޚިދުމަތްތަކެއް
ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ
ވިދާޅުވެއްޖެއެވެ.



އުމުރުން 92 އަހަރުގެ ބަރްދާން
އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ
އުޅުއްވުމަށްފަހުއެވެ.



ދުނިޔޭގެ އެންމެ ބައިބޯ
ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ ސިޔާސީ މައިދާނުގައި އޭ.ބީ ބަރްދާނޭ ބުނުމުން އެއީ
ކޮން ބޭފުޅެއް ކަން ނޭނގޭ މީހަކު މަދުވާނެއެވެ.



1924 ވަނަ އަހަރު ގެ ސެޕްޓެމްބަރު
މަހުގެ 25 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކިވަޑައިގެން އަރްދެންދޫ ބުޝާން
ބަރްދާން ނުވަތަ މަޝްހޫރު ނަމުން ނަމަ އޭ.ބީ.ބަރްދާން ވަނީ އުމުރުން އެންމެ 15
އަހަރުގައި ވެސް ކޮމިއުނިޒަމްގެ ސިޔާސަތުތަކަށް ޝައުޤުވެރިކަން ފާޅުކުރައްވާ
އެފަދަ ހިޔާލުތަކަށް ތާޢިދުކުރައްވަން ފައްޓަވާފައެވެ.



1957 ވަނަ އަހަރު އިންޑިއާގެ
ސިޔާސީ މައިދާނުގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގެން ބަރްދާނު ވަނީ އިންޑިއާގެ
އެންމެ ދުވަސްވީ ޓްރޭޑް ޔޫނިއަން އޯލް އިންޑިއާ ޓްރޭޑް ޔޫނިއަން ކޮންގްރެސް ގެ
ރައީސްކަމަށް ހޮވިވަޑައިގެންފައެވެ.



އެއީ 1994 ވަނަ އަހަރުއެވެ.
އެއަށް ފަހު އިންޑިއާގެ ސިޔާސީ މައިދާނަށް ހަލަބޮލިކަމެއް ވެރިގެން ދިޔަ
ދުވަސްވަރު ބަރްދާން ވަނީ ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ، ސީ.ޕީ.އައިގެ ނައިބު
ކަމަށް ވެސް ހޮވިވަޑައިގެންފައެވެ.  



އިންޑިއާގެ އެކި ދީނުގެ ތަކުގެ
މީހުންނަށް ފުރިހަމަ ހައްޤުތައް ކަށަވަރުކޮށް، ހުރިހާ ފަރާތްތައް ހަމަހަމަ ކޮށް ކަންކަރުމަށް
ބާރު އެޅުމުގެ ސިޔާސަތުގައި ދެމިހުންނެވި ބަރްދާން ސީ.ޕީ.އައިގެ ލިޑަރުކަމާ
ހަވާލުވެވަޑައިގެންނެވީ އުމުރުން 71 އަހަރުގައެވެ.