ކުޅިވަރު

ހެމިލްޓަންގެ މުސްތަގްބަލާމެދު ގޮތެއް ނިންމާނީ އަބޫދާބީ ރޭހުގެ އިންކުއަރީއަށްފަހު


ފޯމިއުލަރ ވަން ކާރު ރޭހުގެ އެންމެކާމިޔާބު އެއް ދުއްވުން ތެރިޔާ ކަމަށްވާ ލުއިސް ހެމިލްޓަން އޭނާގެ އެފް ވަންގެ މުސްތަގްބަލާމެދު ގޮތެއް ނިންމާނީ މިދިޔަ ސީޒަންގެ ފަހު ރޭސް ކަމަށްވާ އަބޫދާބީ ގްރޯން ޕްރީގައި ދިމާވި މައްސަލައިގެ އިންކުއަރީ އަށް ބެލުމަށްފަހުކަމަށް މަރސިޑީޒް ޓީމްގެ ވެރިޔާ ޓޯޓޯ ވުލްފް ހާމަކޮށްފިއެވެ.

ވުލްފް ހާމަކުރިގޮތުގައި އެފް ވަންއަށް މިހާރު ހެމިލްޓަންއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭކަމަށެވެ. މަރސިޑީޒްއިން ޤަބޫލް ކުރާގޮތުގައި މިދިޔަ ސީޒަން ހެމިލްޓަންއަށް ގެއްލިގެންދިޔައީ އެރޭހުގައި އެފްއައިއޭ ރޭސް ޑިރެކްޓަރ މައިކަލް މަސީ ގަވައިދަށް ކަންތައްތައް ގެންގޮސްފައިނުވުމުގެ ސަބަބުންނެވެ. އަދި މަރސިޑީޒްއިން ވަނީ ހެމިލޓަންގެ މުސްތަގްބަލާމެދު އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ. އަދި މިކަމުގައި ހެމިލްޓަނާއި މަރސިޑީޒް ޓީމްގެ ވިސްނުންވެސް އެއްގޮތްކަމަށް އެޓީމާއި ގާތް ފަރާތްތަކުން ހާމަކުރަމުންދެއެވެ. އެފްއއައިއޭއިންވަނީ ހެމިލްޓަން ހިތްހަމަ ނުޖެހިފައިވުމާއި އޭނާގެ އިތުބާރު އަލުން ހޯދުމަށްޓަކައި މިރޭހުގައި ހިނގާދިޔަ ކަންތައްތަކަށް އިންކުއަރީއެއް ކުރިއަށް ގެންދަން ފަށާފައެވެ.

އަބޫދާބީ ރޭސް ނިމުންތާ މިހާރު މަސް ދުވަސް ވެފައިވާއިރު އަދިވެސް އެރޭހުގެ އިންކުއަރީގެ ވާހަކަ ދައްކައިފިނަމަ އެފްއައިއޭއިން އަންނަނީ އެކަމާމެދު ވާހަކަ ދެއްކުން އަދި ތަންކޮޅެއް އަވަސް ކަމަށް ބުނަމުންނެވެ. މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން ބާއްވާ ޕްރީ ސީޒަން ޓެސްޓިންގެ ދެ ބުރުގެ ތެރެއިން ފުރަތަމަ ބުރު މިއަންނަ މަހުގެ 23 ގައި އޮންނާނެއެވެ. އަދި މިސީޒަންގެ ފުރަތަމަ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 18 އިން 20 އަށް ބަހްރެއިން ގައެވެ. އެހެންކަމުން އެފްއައިއޭއަށް މިކަމާމެދު މާގިނަ ދުވަސްތަކެއް ނުވެ ގޮތެއް ނިންމަން މަޖްބޫރުވާނެއެވެ.