ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަން އަލްޖީރިއާ އާއި ސިއެރަ ލިއޯން ބައްދަލުކުރިމެޗް އެއްވަރު


އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް އީ ގައި އެންމެފަހުގެ ޗެމްޕިއަން އަލްޖީރިއާ އާއި ސިއެރަ ލިއޯން ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އަލްޖީރިއާއިންނެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް އަލްޖީރިއާއަށް ސިއެރަ ލިއޯންގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އަދި ހާއްސަކޮށް މިމެޗްގައި ސިއެރަ ލިއޯންގެ ކީޕަރު މުހައްމަދު އެންބާލީ ކަމާރާ ވަނީ މޮޅު ކުުމެއް ދައްކާ އަލްޖީރިއާގެ ގިނަ ހަމަލާތަކެއް މިމެޗްގައި ދިފާއު ކޮށްފައެވެ. މިމެޗް އެއްވަރު ވުމާއެކު އަލްޖިރިއާ މިވަނީ މެޗަކުން ބަލިނުވެ 35 މެޗް ހަމަކޮށްފައެވެ. އަދި މިކަމުގައި ދުނިޔޭގެ ރިކޯޑް އޮންނަ އިޓަލީގެ 37 މެޗާއި ހަމަވާ މެޗަށް ވުމުގެ ހިތްހަމަޖެހުން ލިބުނު ނަމަވެސް މިމެޗްގައި އަލްޖިރިއާއިން ދެއްކި ކުޅުމާމެދު އެޓީމުގެ ކޯޗް ޖަމާލް ބަލްމާދީ ހިތްހަމަ ޖެހޭނެކަމަކަށް ނުބެލެވެއެވެ. މިމެޗްގައި އަލްޖީރިއާގެ ކުޅުންތެރިން ވަނީ ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލާފައެވެ.

މިމުބާރާތުގައި އަލްޖީރިއާ ދެން ކުޅޭ މެޗްގައި މިއަންނަ އާދީއްތަ ދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިކުއެޓޯރިއަލް ގިނީ އާއެވެ. އަދި ސިއެރަ ލިއޯން ބައްދަލުކުރާނީ ކޯޓެޑިއުއަރ އާއެވެ.