ކުޅިވަރު

މެޗްގައި މާޒިޔާއަށްއޮތް ޕްރެޝަރުގެ ފައިދާ ނަގަން ބޭނުން - ނިޝްތާރު


މެޗަށް ނިކުންނައިރު ޕްރެޝަރު އޮތީ މާޒިޔާއަށްކަމަށާއި އެޕްރެޝަރުގެ ފައިދާ ގްރީން ސްޓްރީޓްސްއިން ނަގާނެކަމަށް ކުލަބް ގްރީން ސްޓްރީޓްސްގެ ކޯޗް ޢަލީ ނިޝްތާރު ބުނެފިއެވެ. ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު މާޒިޔާ ނިކުންނާއި ގްރީން ސްޓްރީޓްސްއާއި ދެކޮޅަށެވެ. މިމެޗުން މޮޅުވެގެން މާޒިޔާއަށް ފައިނަލްގެ ޖާގައެއް ޔަގީންވާއިރު، މާޒިޔާ ބަލިކޮށް ގްރީންއަށް ފައިނަލާއި ޖާތަށް ޖެހިލެވޭނެއެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗް ޢަލީ ނިޝްތާރު ބުނީ މިމެޗް ދެ ޓީމަށްވެސް ވަރަށް މުހިންމު ކަމަށާއި ނަމަވެސް ގްރީންއަށް ވުރެއް ބޮޑަށް މެޗްގެ މުހިންމުކަން ބޮޑުވަނީ މާޒިޔާއަށްކަމަށެވެ. އެއީ މިއަހަރުގެ ސީޒަނަށް މާޒިޔާއިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު، އެޓީމުގައި ގައުމީ ޓީމްގެ ކުޅުންތެރިންވެސް ގިނަވުމުގެ ސަބަބުންކަމަށެވެ. ނިޝްތާރު ބުނީ ގްރީންއަށް ވުރެ ބޮޑަށް މާޒިޔާއިން މެޗުން މޮޅުވުމަށް އޮތް ޕްރެޝަރު ބޮޑުވާނެކަމަށާއި ގްރީންއިން އެކަމުގެ ފައިދާ ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމެވެ. އަދި ފަހަކަށް އައިސް ގްރީންގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ ކުޅުމަށްބަލާފަ، މެޗާމެދު ކުރެވޭ އުއްމީދުވަރަށް ބޮޑުކަމަށްވެސް ނިޝްތާރު ބުންޏެވެ. އަދި ގްރީންއިން މާޒިޔާއާއި ދެކޮޅަށް ނިކުންނާނީ މެޗުން ތިން ޕޮއިންޓް ހޯދަންކަމަށްވެސް ނިޝްތާރު ބުންޏެވެ.

"ފުޓްބޯޅައިގައި ކުޅޭނީ 11 ކުޅުންތެރިން. ގްރީންގެ ކުޅުންތެރިންނަށް ބަލާއިރު، ގިނަ ކުޅުންތެރިންނަކީ މިހާރު ގައުމީ ޓީމަށް ވަރަށް ބޮޑަށް އަރަން މަސައްކަތް ކުރާ ކުޅުންތެރިން. އެހެންވީމަ މިއީ އެކުޅުންތެރިންގެ ފެންވަރު ދައްކާލުމަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް. އަދި ފުޓްބޯޅައިގައި ބޮޑެތި ޓީމްތައް ބަލިވުމަކީ އާކަމެއް ނޫން. އެހެންވީމަ ގްރީންއަށް މާޒިޔާ ބަލިނުކުރެވެންވީ ސަބަބެއް ނެތް. ގްރީންއިން ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ މެޗް ކާމިޔާބުކުރަން." ގްރީންގެ ކޯޗް ނިޝްތާރު ބުންޏެވެ.

ނިޝްތާރު ބުނީ މެޗްގައި މުހިންމީ މުޅި މެޗް އެއްވަރަކަށް ހިފެހެއްޓުންކަމަށާއި މެޗްގެ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ވިސްނުންތެރިކަމާއެކު ކުޅުން ވަރަށް މުހިންމުކަމަށެވެ.