ކުޅިވަރު

މޮޅުވެގެން ފައިނަލްގެ ޖާގަ ޔަގީން ކުރަން ބޭނުން - އާފިއު


ޕްރެޒިޑެންޓްސް ކަޕްގައި ކުލަބް ވެލެންސިޔާ ކުޅޭ އެއްވެސް މެޗެއް އެޓީމުން ފަސޭހަކޮށް ނުނަގާނެކަމަށް ކުލަބް ވެލެންސިޔާގެ އެސިސްޓަންޓް ކޯޗް މުޙައްމަދު އާފިއު ބުނެފިއެވެ. ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ރޭ ކުލަބް ވެލެންސިޔާ ނިކުންނާނީ ކުލަބް އީގަލްސްއާއި ދެކޮޅަށެވެ. މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ 8 ޓީމުގެ މެޗުގައި ލީގް ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މިހާރު ކޮންމެ ޓީމަކަށް ދެ މެޗް ބާކީ އޮތްއިރު، ތާވަލްގެ އެއްވަނައިގައިވާ މާޒިޔާ އަދި ދެވަނަގައިވާ ކުލަބް ވެލެންސިޔާއަށް 15 ޕޮއިންޓު ވަނީ ލިބިފައެވެ. ނަމަވެސް މާޒިޔާއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. މިމެޗަށް ނިކުންނައިރު ކުލަބް އީގަލްސް އޮތީ ތާވަލްގެ 4ވަނައިގައި 6 ޕޮއިންޓާއެކުއެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާފިއުބުނީ މިއީ ކުލަބް ވެލެންސިޔާއިން މިމުބާރާތުގައި ކުޅޭ އެންމެ މުހިއްމު މެޗްކަމަށެވެ. މެޗުން މޮޅުވެގެން ފައިނަލްގެ ޖާގައެއް ވެލެންސިޔާއަށް ޔަގީންވާއިރު، ފަހު މެޗްގައި މާޒިޔާ ބައްދަލުކުރާ މެޗުން ބަލިނުވެ މާޒިޔާ އަތުން ފަރުޖައްސާލިއަސް ވެލެންސިޔާއަށް ފައިނަލްގެ ފުރުސަތު ލިބިގެންދާނެއެވެ. މާދަމާ ރޭގެ މެޗްގެ ކުރިން ވާހަކަދައްކަމުން ކުލަބް ވެލެންސިޔާގެ އެސިސްޓަންޓް ކޯޗް މުހައްމަދު އާފިއު ބުނީ މިލީގުގައި ވާދަކުރާ އެއްވެސް ޓީމަކީ ބަލި ޓީމެއް ނޫންކަމަށާއި ކޮންމެ ޓީމަކަކާއި ދެކޮޅަށް ވެލެންސިޔާ ނުކުންނާނީ އެއީ މޮޅު ޓީމެއްކަމަށް ދެކިގެންކަމަށް އާފިއު ބުންޏެވެ.

"ކޮންމެ ޓީމެއްވެސް ވެލެންސިޔާއާއި ދެކޮޅަށް ނިކުންނަނީ ވަރަށް ވަރުގަދަކޮށް، ވެލެންސިޔާ ބަލިކުރަން. އީގަލްސްއަކީ އަބަދުވެސް ވަރަށް ވަރުގަދަ ޓީމެއް. މިފަހަކަށް އައިސް އެންމެ ރަގަނޅަށް ކުޅޭ ކުޅުންތެރިން ތިބީ އީގަލްސްގަ. ވަކިވަކި ކުޅުންތެރިންނަށް ބަލާއިރުވެސް އީގަލްސްއަކީ މޮޅު ޓީމެއް. ކުޅިންތެރިންވެސް ތަފާތު ޓީމެއް. އީގަލްސް އަންނަނީ މެޗަކަށް ފަހު މެޗެއް ވަރުގަދަވަމުން. އެހެންވީމަ ވެލެންސިޔާއަށް އީގަލްސް މެޗް ފަސޭހައެއް ނުވާނެ. އީގަލްސްވެސް ނިކުންނާނީ ތިން ޕޮއިންޓް ހޯދަން، އެހެންނަމަވެސް، ވެލެންސިޔާއިން ނިކުންނާނީ ވެލެންސިޔާގެ ގޮތުގައި މޮޅަށް ކުޅެ މެޗުން މޮޅުވާން." ވެލެންސިޔާގެ އެސިސްޓަންޓް ކޯޗް އާފިޢު ބުންޏެވެ.

އީގަލްސް މެޗްގައި އެންމެ ބޮޑަށް ވިސްނާނީ ބައިކޮޅަށް ގޯލެއް ނުވަދެ، މެޗް ކާމިޔާބުކުރަންކަމަށް ވެލެންސިއާގެ ކޯޗު ބުންޏެވެ. އާފިޢުބުނީ މިހާތަނަށް އެއްވެސް މެޗަކުން ވެލެންސިޔާ ބަލިނުވެ، މެޗަކަށް ވުރެއް މެޗެއް ރަގަނޅު ކުރަމުން އަންނާނީ، މިއީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް އާފިޢު ބުންޏެވެ.