ޚަބަރު

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު 28000އިން މައްޗަށް


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު 28000އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހޯމަ ދުވަހުވެސް 300އަށްވުރެ ގިނަ މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 323 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 177 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 146 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 28085 އަށް އަރާފައެވެ.

މީގެއިތުރުން ހޯމަ ދުވަހު 114 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 94 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 20 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 368351 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހޯމަ ދުވަހު 52 މީހަކު ވަނީ ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 46 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 6 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 397033 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް މިވަގުތު ބޫސްޓަރ ޑޯޒް ޖަހަމުން އަންނަނީ ވަކި ޚާއްސަ ކެޓަގަރީތަކަށް ނިސްބަތްވާ މީހުންއެކަންޏެވެ. އެހެންނަމަވެސް މިމަހުގެ މެދުތެރޭގައި ޢާއްމުނަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

މިވަގުތުތ މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.