ޚަބަރު

ކުރުމުއްދަތެއްގައި ވީހާވެސް ގިނަ ބަޔަކަށް ބޫސްޓަރ ޑޯޒް ޖެހޭނެ އިންތިޒާމް ހަމަޖައްސަނީ


ކޯވިޑް19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރުމުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖޭގައި މިދުވަސްވަރު ކޯވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދުވަނީ މަޝްވަރާކުރައްވައިފައެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޯވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާއި ގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މެންބަރުން މަޝްވަރާކުރެއްވިއެވެ.

ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ދިނުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ރާއްޖޭގައި 27000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް ބޫސްޓަރ ޑޯޒް ޖަހާފައެވެ.