ޚަބަރު

ހެލްތު ސަރވިސަސްގެ ޑީޖީގެ މަޤާމަށް ޑރ.އަޝްރަފް


ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްއަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

އެމަޤާމަށް ސިވިލް ސަރވިސްއިން ޢައްޔަންކުރައްވާފައި ވަނީ ޑރ.އަޙްމަދު އަޝްރަފްއެވެ.

ޑރ.ޢަޝްރަފް މިމަޤާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި ޑރ.ޝީޒާ ޢަލީގެ ދައުރު ހަމަވުމާއި ގުޅިގެން މަޤާމު ހުސްވުމާއި ގުޅިގެންނެވެ. ސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރެއިން ޑރ.އަޝްރަފް މިމަޤާމަށް ޢައްޔަންކުރައްވާފައިވަނީ 4 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިމަޤާމަށް ޑރ.އަޝްރަފް ޢައްޔަންކުރައްވާފައިވާއިރު އޭނާއަކީ ޔޫކްރެއިންގެ ކްރިމިއާ ސްޓޭޓް މެޑިކަލް ޔުނިވަރސިޓީއިން އިންޓަރނަލް މެޑިސިން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނޭޕަލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސްއިން އިންޓަރނަލް މެޑިސިންގެ ދާއިރާއިންވަނީ ތަމްރީނާއި ތަޖުރިބާ ހޯއްދަވާފައެވެ. ޑރ.އަޝްރަފް އަކީ ސިއްޙީ ދާއިރާގައި 14 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއްގެ އިތުރުން ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ޑޮކްޓަރުން އުފައްދާ ތަމްރީން ދިނުމަށް ޤައުމީ ޔުނިވަރސިޓީއިން ކުރަމުންދާ މަސައްކަތުގައިވެސް ޑރ.އަޝްރަފްގެ ދައުރު ބޮޑުކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދީ އެކި ޙާރަކާތްތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ފަންނީ ޚިޔާލާއި މަޝްވަރާ މިނިސްޓަރާ ހިއްސާކުރުން ހިމެނެއެވެ. ހަމައެއާއެކު ރާއްޖެއިން ބައިވެރިވެފައިވާ ސިއްޙީ ދާއިރާގެ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެފެންވަރުގައި ކުރެވޭ މަސައްކަތްތައް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ގޮތް ނިންމާ އޮފިޝަލުންނާއި ހިއްސާކުރުމާއި އެފަދަ ޙަރަކާތްތައް ވިލަރެސްކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް މުރާޖާކުރުން ހިމެނެއެވެ. މީގެއިތުރުން ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކުރެވެންހުރި މަސައްކަތްތައް ކުރުމަކީވެސް ޑީޖީގެ ޒިންމާއެކެވެ.

ރާއްޖޭގައި "ޔުނިވަރސަލް ހެލްތް ކަވަރޭޖް" ޤާއިމުކުރުމަށާއި ޞިއްޙީ ޚިދުމަތުގެ ނަތީޖާ އެކަށޭނަ އަގާއި، ފުރުސަތުގައި ހޯދައި ދިނުމަށްޓަކައި ކޮސްޓް އިފެކްޓިވް ސްޓްރެޓަޖީތައް އެކުލަވާލައި، މަސައްކަތްތަކާ ބެހޭގޮތުން ހެލްތް އިންޝުއަރެންސް ނިޒާމު ހިންގާ ފަރާތްތަކާއި ކަމާގުޅޭ އެހެން ފަރާތްތަކާއެކު މަސައްކަތްކުރަންޖެހެއެވެ.