ދީން

އިސްލާމީ ޝަރީއަތް ހަރުދަނާ ކުރެވޭނީ 3 ކަމެއްގެ މައްޗަށް


އިސްލާމީ ޝަރީއަތް ހަރުދަނާ ކުރެވޭނީ 3 ކަމެއްގެ މައްޗަށް ކަމަށާއި، އެއީ އިސްލާމްކަމާއި، އީމާންތެރިކަމާއި، އިހްސާންތެރިކަމުގެ މައްޗަށް ކަމަށް ޕްރޮފެސަރ ޑރ. އަޙުމަދު ހިދާޔަތު ބުވަންގ ވިދާޅުވެއްޖެއެވެ.މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދަ މެސެޖްގެ 12 ވަނަ ޕްރޮގްރާމްގައި ދަރުސް ދެއްވަމުން ޕްރޮފެސަރ ޑރ. އަޙުމަދު ހިދާޔަތު ބުވަންގ ވިދާޅުވީ އިސްލާމީ ޝަރީއަތަކީ، އޭގެ މާނަ އެނގުމަށްވުރެވެސް މާބޮޑު އެއްޗެއް ކަމަށާއި، އިސްލާމީ ޝަރީއަތް އާންމުނަށް އެނގިފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ. އިސްލާމީ ޝަރީއަތަކީ، ޤާނޫނީ މިންގަނޑުން ބެލިނަމަވެސް އެއަށްވުރެ މާ ބޮޑު އެއްޗެއްކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ. ޕްރޮފެސަރ ޑރ. އަޙުމަދު ހިދާޔަތު ބުވަންގ ވިދާޅުވީ ފުރިހަމަ މުސްލިމަކަށް ވުމަށްޓަކައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ހަމަޖެހުން ޤާއިމްވެގެންދާކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ. ޕްރޮފެސަރ ޑރ. އަޙުމަދު ހިދާޔަތު ބުވަންގ ވިދާޅުވީ ސަރުކާރުން ކަންކަން ނިންމުމުގައިވެސް އިސްލާމީ ޝަރީއަތާއި އެއްގޮތައް ކަންކަން ބައްޓަން ކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ސަރުކާރާއި ރައްޔިތުންވެސް އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަމަލުކުރާނަމަ، ދަތި އުނދަގޫތަކުން އަރައިގަނެވި، އިސްލާމީ ޝަރީއަތުގެ ފުރިހަމަ ނަފާ ހުރިހާ އެންމެންނަށްވެސް ކުރާނެކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދަވާ ދަ މެސެޖްގެ 12 ވަނަ ޕްރޮގްރާމްގައި މިރޭވެސް އިތުރު ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ދަރުސް ދެއްވާނީ، ޕްރޮފެސަރ ޑރ. ރައިހާނާ ބިންތި ޙާޖީ ޢަބްދުﷲ އެވެ. މި ދަރުސްގެ މަޢުޟޫއަކީ، އިސްލާމްދީނުގައި އަންހެނުންގެ ދައުރެވެ.