ދުނިޔެ

ފަލަސްތީނު އާއިލާއެއް އުޅޭ ގެއެއްގައި ރޯކޮށްލި މީހުންގެ ޝަރީއަތް


މިދިޔަ ޖުލައި މަހު ފަލަސްތީނުގެ
އާއިލާއެއް ދިރިއުޅޭ ގެއެއްގައި ރޯކޮށްލާ، ތިން މީހުން މަރާލި ހާދިޘާގައި ދެ
މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އިސްރާއިލުން އުފުލައިފިއެވެ.



ދައުލަތުން ދައުވާ އުފުލާފައި
ވަނީ އުމުރުން 21 އަހަރުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީއެއް ކަމަށްވާ އަމީރާމް
ބިން އުލައިލް އާއި ކުޑަކުއްޖެއްގެ މައްޗަށެވެ.



ދައުލަތުން އުފުލާފައިވާ
ދައުވާގައި ބުނެފައި ވަނީ ޖުލައި 31 ވަނަ ދުވަހު، ހުޅަނގު އައްސޭރީގެ ޑޫމާ
އަވަށުގެ ގެއެއްގައި އެ ދެމީހުން ރޯކޮށްލާފައި ވަނީ ގަސްތުގައި ކަމަށެވެ. އަދި، މި
ހާދިސާގައި 18 މަހުގެ ކުޑަކުއްޖަކާއި އޭނާގެ މައިންބަފައިން މަރުވެފައިވާ ކަމަށާއި
މި ހަމަލާއަކީ ނަސްލީ އިމްތިޔާޒުގެ ހަމަލާއެއް ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.



ޝަރީއަތް ނިމެންދެން މިދެމީހުން
ހައްޔަރުކޮށްފައި ބޭތިއްބުމަށް ކޯޓުގައި އެދިފައި ވާނޭ ކަމަށްވެސް ދައުލަތުގެ
ވަކީލާ ވިދާޅުވެފައިވެއެވެ.



ދިފާއީ ވަކީލުން ބުނާ ގޮތުގައި މި
ދައުވާއަށް އެއްބަސްކުރުވާފައި ވަނީ ޖަލުގައި އަނިޔާކޮށްގެން ކަމަށާއި މިއީ
އިސްރާއިލުގެ ރައްޔިތުންނާއި މެދު ވެވޭ ބޭއިންސާފެއް ކަމަށެވެ.