ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ފިރިހެން ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް ދޫކޮށްލުމަށް އޮސްޓްރޭލިއާގެ ކޯޓުން އަމުރު ނެރުމާއެކު އޭނާގެ ވިސްނުން މިހާރު އެއްކޮށް ހުރީ ކުރިއަށް އޮތް އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމަށް ކަމަށް އޭނާ ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށް އޭނާ އާންމުކުރި މެސެޖެއްގައެވެ.
ޖޯކޮވިޗް ބުނީ އޭނާ ބަންދުކޮށްފައި ބަހައްޓާފައިހުރި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރއިން ނިކުމެ ދެތިން ގަޑިއިރުގެ ތެރޭގައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރޭލިއާގައި ފުރަތަމަ ފަރިތަކުރުން ބޭއްވިކަމަށެވެ. ސިއްހީ ސަބަބު ތަކަށްޓަކައި ވެކްސިން ނުޖަހާ އޮސްޓްރޭލިއާއަށް ވަނުމުގެ ހުއްދު އެންމެ ފުރަތަމަ ދިނުމަށްފަހު އޮސްޓްރޭލިއާއަށް ދިއުމާއެކު އޭނާގެ ވީސާ ކެންސަލް ކޮށް އޭނާ ފޮނުވާލުމަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމި ނަމަވެސް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކޯޓުންވަނީ އޭނާ ވަގުތުން ދޫކޮށްލުމަށް އަންގާފައެވެ. ނަމަވެސް މަޢުލޫމާތުލިބިފައިވާގޮތުގައި އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރަށް ޖޯކޮވިޗްގެ ވީސާ އަލުން ކެންސަލްކޮށް އޭނާ ޑީޕޯޓް ކުރުމުގެ ފުރުސަރު އެބައޮތެވެ.
ޖޯކޮވިޗް ބުނީ މިހުރިހާ ކަމަކާއެކުވެސް އޭނާ ބޭނުންވަނީ އޮސްޓްރޭލިއާގައި މަޑުކޮށް މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާށެވެ. އަދި އޭނާގެ ހުރިހާ ވިސްނުމެއް ހުރީ މުބާރާތަށް ކަމަށާއި އޭނާ އޮސްޓްޜޭލިއާއަށް ދިޔައީ އެންމެފާހަގަކޮށްލެވޭ އެއް މުބާރާތުގައި ވާދަކުރުމަށް ކަމަށެވެ. މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މިމުބާރާތް ކާމިޔާބުކޮށްފިނަމަ ޖޯކޮވިޗް ވާނީ ޓެނިހުގެ ދުނިޔޭގައި އެންމެ ކާމިޔާބު ފިރިހެން ޓެނިސް ކުޅުންތެރިޔާ އަށެވެ.