ވިޔަފާރި

މިދިޔަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ 53160 އެނދު އޮޕަރޭޝަނަށް


މިދިޔަ އަހަރު ނިމުނު އިރު ފަތުރުވެރިކަމުގެ 53160 އެނދު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޓޫރިޒަމް މިނސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑު ކެޕޭސިޓީއަކީ 56،410 އެނދެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ 53160 އެނދުވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 38226 އެނދާއި، ގެސްޓުހައުސްތަކުގެ 10716 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2858 އެނދާއި، ހޮޓާތަކުގެ 1360 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 160 ރިސޯޓު، 613 ގެސްޓު ހައުސް، 145 ސަފާރީ، 10 ހޮޓާ ހިމެނޭހެން ޖުމްލަ 929 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގައި އޮޕަރޭޓްކުރަމުން އައީ 52194 އެނދެވެ. އެހެންކަމުން އެއް މަސްދުވަސްތެރޭ 966 އެނދު އިތުރަށްވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ.

އޮޕަރޭޝަނަށް ގެންނަ އެނދުގެ ޢަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސްދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށްވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2020ވަނަ އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި 555494 ފަތުރުވެރިންނާ އަޅާ ބަލާއިރު %138 އިތުރު ޢަދަދެކެވެ.