ވިޔަފާރި

ޕިޗްއަޕް ޗެލެންޖު ކާމިޔާބުކުރި 23 ވިޔަފާރިއަކަށް 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ


"ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަރޝިޕް ޗެލެންޖު"ގެ ނަމުގައި ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ކުރިއަށްގެންދިޔަ މުބާރާތް ކާމިޔާބު ކުރި 23 ވިޔަފާރިއަކަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިލޭ އެހީގެގޮތުގައި ދޫކޮށްފިއެވެ.

މި އެހީ ދޫކޮށްފައިވަނީ "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަރޝިޕް ޗެލެންޖު" ކާމިޔާބުކުރި ފަރާތްތަކަށް އެވޯޑް ޙަވާލުކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

"ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަރޝިޕް ޗެލެންޖު"އަކީ މީރީ ޕްރޮޖެކްޓުގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ޚިޔާލެއް ހުށަހަޅައި، އެ ޚިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއެއް އުފެއްދުމަށް ހިންގާ ޗެލެންޖެކެވެ. "ޕިޗްއަޕް" ފަރުމާކޮށްފައިވަނީ އައު ވިޔަފާރިއެއް ތަރައްޤީ ކުރާނެގޮތުގެ ޚިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީއާއި، ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭގޮތަށެވެ.

18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ތެރެއިން 23 އައު ވިޔަފާރިއަކަށް ޖުމްލަ 12.4 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ވަނީ އެވޯޑްކޮށްފައެވެ. މި 23 އައު ވިޔަފާރީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން 6 ވިޔަފާރިއަކާއި، ފަތުރުވެރިކަމާއި ގުޅުންހުރި ޢުމްރާނީ މަސައްކަތުގެ ދާއިރާއިން އެއް ވިޔަފާރިއެއް ހިމެނެއެވެ. އަދި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން 5 ވިޔަފާރިއަކާއި، ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއެއް ހިމެނެއެވެ.

މި މުބާރާތް ކާމިޔާބު ކުރި ވިޔަފާރިތަކަށް އެކަމުގެ އިނާމް ޙަވާލުކޮށްދެއްވީ، ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސީގަލް ގްރޫޕުގެ ކޯ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ ސަލާޙު ޝިހާބެވެ. އެކަމަށްޓަކާ ބޭއްވި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ޞަލާޙް ޝިހާބް ވަނީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް މިފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާ މި ޙަފުލާގައި ހިއްސާކުރެއްވިއެވެ.

"އަޅުގަނޑު ބެލީ ރާއްޖޭގައި އެވަގުތަކު ހުރި ފުރުޞަތުތަކުގެ ތެރެއިން ކޮން ދިމާލަކުންތޯ ސަރުކާރުކަހަލަ ތަނެއްގައި މަސައްކަތްކުރަމުން އަމިއްލަ މަސައްކަތެއް ކުރެވޭނީ. އެގޮތުން އޭރު ޓުއަރިޒަމް އަލަށް ފަށައިގަނެގެން ފުރުޞަތުތަކެއް ފެންނަންހުރި. އޭގެ ތެރެއިން މެންދުރުފަހު އަޅުގަނޑު އޭރު ވަރަށް މަޝްޙޫރު ޓްރެވަލް ކުންފުންޏެއްކަމަށްވާ ސަފާރީ ޓުއާސްގައި މަސައްކަތްކޮށްގެން އެތަނުގެވެސް ތަޖުރިބާގެ އަލީގައި އޭގެ އެއް އަހަރުފަހުން އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީކުރީ އަޅުގަނޑުގެ އެކުވެރިންކޮޅެއްގެ އެހީގައި. އެއީ އަޅުގަނޑުގެ ޓްރެވަލް މަސައްކަތް ފެށުނުގޮތަކީ" ޞަލާޙް ޝިހާބު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމް ވިދާޅުވީ، މިއީ ޒުވާނުން ބާރުވެރިކުރުވާ، ޒުވާނުންނަށް އެކި ދާއިރާތަކުން ކުރިއަށްދިއުމަށް ހުޅުވިގެންދިޔަ ފުރުޞަތެކެވެ. ޕިޗްއަޕްގެ ތެރެއިން އެންމެ ބޮޑު ތަރުޚީބެއް ލިބިގެންދިޔައީ ދަނޑުވެރިކަމުގެ ދާއިރާއަށްކަން ފާހަގަކުރައްވާ، މިއީ އެ ސިނާޢަތް ކުރިއެރުމަށް އެޅިގެންދިޔަ ހެޔޮ ފާލެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހީކުރިގޮތާއި ޚިލާފަށް އެގްރިކަލްޗަރ ދާއިރާއިން ވަނީ 11 ޕްރޮޖެކްޓެއް ކާމިޔާބުކޮށްފައި. އެއީ މުސްތަޤުބަލުގައި ރާއްޖޭގައި ރަނގަޅު ފުރުޞަތުތަކެއް އޮތްކަމެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލަނީ. އޭގެ ބަދަލުގައި ކޮންސްޓްރަކްޝަން ދާއިރާއިން ކާމިޔާބުކޮށްފައިވަނީ އެންމެ ޕްރޮޖެކްޓެއް" ހާޝިމް ވިދާޅުވިއެވެ.

ޕިޗްއަޕް ޗެލެންޖާގުޅޭގޮތުން ވާހަކަދައްކަވަމުން މީރީ ޕްރޮޖެކްޓުގެ ޕްރޮޖެކްޓު މެނޭޖަރ ޢަލީ ޝަރީފް ވިދާޅުވީ، މިދިޔަ އަހަރުގެ އޭޕްރިލް މަހު ލޯންޗްކުރި މި ޗެލެންޖަށް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބިގެންދިޔަކަމަށެވެ. އަދި އުއްމީދަކީ މި ޗެލެންޖު ކާމިޔާބު ކުރި ފަރާތްތަކަށް ލިބުނު ގްރާންޓުގެ އެހީގައި އީޖާދީ އަދި ދެމެހެއްޓެނިވި ވިޔަފާރިތަކެއް އުފެދިގެން ދިއުންކަމަށާއި، ކޯވިޑްގެ މި ދަތި ހާލަތުން އަރައިގަތުމަށް މި ވިޔަފާރިތަކުން އެދެވޭ ދައުރެއް އަދާކުރުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އުފަލާއެކު ދަންނަވާލަން މި މުބާރާތަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަރުޚީބެއް ލިބުނު. މުބާރާތަށް ޖުމްލަ 192 ޚިޔާލު ހުށަހެޅުނު. އަދި އެކި މަރުހަލާތަކަށްފަހު 50 ފަރާތަކަށް ވަނީ ޕްރޮޕޯސަލް ޕިޗްކުރުމުގެ ފުރުޞަތު ދެވިފައި. ބައިނަލްއަޤްވާމީ ފަނޑިޔާރުންވެސް ހިމެނޭގޮތުން އެކުލަވާލެވުނު ޕެނަލުން މި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު މިއަދު އިދާރާކުރެއްވިއްޔާ 46 ދިވެހި ޒުވާނުން ޝާމިލުވާ 23 އައު ވިޔަފާރިއަކަށް ޖުމްލަ 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ މި އެވޯޑްކުރެވެނީ" ޝަރީފް ވިދާޅުވިއެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަށް ވޯލްޑްބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

ވޯލްޑް ބޭންކުގެ އެހީގައި 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔާ މި ޕްރޮޖެކްޓަށް 20 މިލިއަން ޑޮލަރުގެ އެހީ ވޯލްޑް ބޭންކުން ފޯރުކޮށްދީފައިވެއެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންނަށް ޚާއްސަ އަހަމިއްޔަތުކަމެއްދީގެން ޓެކްނިކަލް އަދި ވޮކޭޝަނަލް ސްކިލްސް ފުޅާކޮށް، ވިޔަފާރީއާއި ވިޔަފާރިވެރިކަމުގެ ހުނަރުތައް ތަރައްޤީކޮށް ޒުވާނުންނަށް ވިޔަފާރިއާއި އާމްދަނީގެ މަގުތައް އަލިކޮށްދިނުމެވެ.