ވިޔަފާރި

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ސައުދީ އަރަބިއްޔާ


މިދިޔަ އަހަރު ނިމުނުއިރު 6 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ސައުދީ އަރައްބިއްޔާއިންނެވެ. އެޤައުމުން ޖުމްލަ 40014 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 3 އިންސައްތައެވެ.

ކޯވިޑްގެ މިހާލަތުގައި ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވެފައިވާ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނެއެވެ. އެގޮތުން ކޯވިޑްގެ ކުރިން، 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އޭރު ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް 15 ވަނައަށް ރާއްެޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. 2019 ވަނަ އަހަރު އެޤައުމުން ރާއްޖެއަށް އައިސްފައިވަނީ، 25865 ފަތުރުވެރިންނެވެ. އެހެންކަމުން 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، މިނިމުނު އަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ 54.7 އިންސައްތަ އިތުރު އަދަދެކެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، އެޤައުމުގެ ޤައުމީ އެއަރލައިން ސައުދިއާގެ ޝެޑިއުލް ދަތުރުތައް ދަނީ ރާއްޖެއަށް ބާއްވަމުންނެވެ. އެގޮތުން ސައުދީގެ ރިއާޛުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް، ހަފްތާއަކު 4 ދަތުރު އެ އެއަރލައިނުންދަނީ ބާއްވަމުންނެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ވައިޑް ބޮޑީ އެއަރކްރާފްޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން، މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި ކޯވިޑުގެ މިހާލަތުގައި ހޯދުނު ބޮޑު ކާމިޔާބީއެކެވެ.

މިދިޔަ އަހަރުތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ އިންޑިއާ ފަތުުރުވެރިންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 291787 ފަތުުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 222422 ފަތުރުވެރިން އައިސްފައިވެއެވެ.