ޚަބަރު

މުޒާހަރާކުރާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް އަންގައިފި


ކޯވިޑް-19އާ ގުޅިގެން އާންމު ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް މުޒާހަރާ ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދީގެން މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހިއުމަންރައިޓްސް ކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ.

މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އެޗްއާރުސީއެމްއަށް ވަނީ ބައެއް މައްސަލަތައް ހުށަހަޅާފައެވެ. އެކޮމިޝަނުން ދަނީ މިމައްސަލަތައް ތަހުގީގް ކުރަމުންނެވެ. އެކޮމިޝަނުން ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.

ނަމަވެސް އާންމު ޞިއްޚަތުގެ މިނާޒުކު ހާލަތުގައި، ހޮސްޕިޓަލުތަކާއި އެނޫންވެސް އާންމު ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަ ނުޖެހުން އުފެދޭފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. އަދި އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރަންވާނީ، ޤާނޫނީ އިމުގެ ތެރެއިން، ޞުލްހަވެރިކަމާއިއެކުގައި ކަމަށާއި، ހައްގުތައް ބޭނުން ކުރުމުގައި އަނެކާގެ ހައްގަށް އިހުތިރާމުކޮށް، ކޯވިޑް ފެތުރެމުންދާ މިނާޒުކު ހާލަތުގައި، އެޗްޕީއޭގެ ގައިޑްލައިންތަކާއި، އެއްގޮތަށް އެންމެގައި ފަރާތްތަކުން އަމަލު ކުރުމަށްވެސް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.

އާންމުކޮށް ރާއްޖޭގައި ކުރިއަށްދާ އެއްވުންތައް އެޗްއާރުސީއެމުން މޮނިޓަރކުރާ އުސޫލުން މިދުވަސްކޮޅު ކުރިއަށްދާ މުޒާހަރާތައްވެސް މޮނިޓަރ ކުރަމުންދާކަމަށް އެޗްއާރުސީއެމުން ވަނީ ވިދާޅުވިއެވެ. އެގޮތުން މިމަހުގެ 7 ވަނަދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން، އެރޭ ފަތިހު 4:30 ހާއިރު ކޮމިޝަންގެ އާރުއާރުޓީ ޓީމުން ވަނީ އައިޖީއެމްއެޗަށް ގޮސް މައްސަލާއި ގުޅުންހުރި ފަރާތާއި، ބައްދަލުކޮށް ހާލަތު ބަލާފައިކަމަށެވެ. އަދި މިމައްސަލައަކީ އެކޮމިޝަނުން ބަލަމުންދާ މައްސަލައެއް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

އެޗްއާރުސީއެމުން ވަނީ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިގަނޑުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ބާއްވަމުންދާ އެއްވުންތަކުގައި ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ދަނީ ގެއްލުންދެމުންކަމަށް ފުލުހުންވަނީ އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މުޒާހަރާތަކާއި އެނޫން ވެސް ޙާލަތްތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރަނީ ޖިނާއީ އިޖުރާޢަތުގެ ގާނޫނާއި އެނޫންވެސް ޚާއްސަ ގާނޫނަކާ ގުޅޭ ކަމެއްނަމަ އެޤާނޫނަކާ އެއްގޮތަށް ކަމަށެވެ. މުޒާހަރާތަކާ އެނޫންވެސް ޙާލަތެއްގައި މީހުން ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވަނީ މީހަކު ހައްޔަރުކުރަން ކޮންމެހެން ޖެހިއްޖެނަމަ، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.